ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ލޯންއެހީ މެދު ނުކެނޑޭނެކަމުގެ ޔަގީންކަން ދީފި

ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ލޯންއެހީ މެދު ނުކެނޑޭނެކަމުގެ ޔަގީންކަން ދީފި

ގުޅުންހުރި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ނާޖާއިޒު ތަކުލީފެއް ކުރިމަތިނުވާނެގޮތަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދީފިއެވެ.

މި ޔަގީންކަން ދީފައިވަނީ ސަރުކާރުގެ އެހީ ލިބޭ ދަރިވަރުންނަށް މާލީ އެހީތެރިކަން ލިބުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިހާރު ވެސް އެ މިނިސްޓްރީން އަންނަނީ އެކި މާލީ އެހީގެ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ 2،163 ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ އެހީގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ކޯސް ފީ އާއި ލިވިން އެލަވަންސް އަދި އެހެނިހެން ޒަރޫރީ ހަރަދުތައް ކަވަރުކުރުން ހިމެނެ އެވެ. ފައިސާ ދިނުމުގައި ބައެއް ފަހަރު ލަސްވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިފަދަ ކަންކަމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ.
ގިނަ ފަހަރަށް ލަސްވަނީ ޕްރޮސީޖަރަލް ޝަރުތުތަކުގެ ތެރޭގައި، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ވަގުތުން ހުށަހެޅުމާއި، ޔުނިވަރސިޓީތަކުން ނުވަތަ ކޮލެޖުތަކުން ހިންގާ ވެރިފިކޭޝަން ޕްރޮސެސްތަކުގެ ސަބަބުން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި އިދާރީ މަރުހަލާތައް ސްޓްރީމްލައިންކޮށް އޮޓޮމޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހިދުމަތް ފޯރުކޮށްދިނުން އަވަސްކުރުމަށާއި ދަރިވަރުންގެ ތައުލީމީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފިޝަންސީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެންގެ ވައުދާ އެއްގޮތަށް، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ކިޔެވި ނަމަވެސް، ތައުލީމު ހާސިލްކުރުމުގައި މެދުކެނޑުމެއް ނެތި ކުރިއަށް ދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އަރުވަމެވެ،" މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ބައެއް މީޑިއާތަކުން ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ތައުލީމީ މުހިންމު ކަންކަމާ މެދު އާންމުންގެ މެދުގައި ބޭކާރު ކަންބޮޑުވުމެއް އުފެދޭ ފަދަ އަމަލުތައް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ