ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފޮޓޯއާއި ވަނަވަރާއެކު އާންމުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ށ. ޅައިމަގު/ އަތަމާގެ، ފާރިސް ޢަލީ ޝަރީފް (29އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަނީ 2020 ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގައި އޮފީހަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކޮށް ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
ފާރިސް ޢަލީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އާންމުކޮށް އިއުލާން ކުރީކަމަށް ފުލުހުން ބުނެއެވެ.
ފާރިސް ޢަލީ ޝަރީފް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.