އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް ކުރު މުއްދަތަކަށް މެދުކެނޑުމަކަށް ފަހު ކާމިޔާބުކަމާއެކު ވިޔަފާރީގެ ހިދުމަތަށް އެނބުރި އައިސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
2007 ވަނަ އަހަރުން ފެށިގެން ތަޖުރިބާ ހުރި އޭޝިއާގެ މަޝްހޫރު ހިދުމަތެއް ދޭ މެލޭޝިއާގެ ސެޕަންގް އިންޖިނިއަރިންގައި މި މަތިންދާ ބޯޓު ވަނީ ބޭނުންވާ ޗެކްކޮށް ވަނީ ސާވިސް ކޮށްފައެވެ.
މި ބޯޓު މެއިންޓެނެންސް ކުރަންޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މަތިންދާބޯޓުގެ ސަލާމަތާއި އޮޕަރޭޝަނަލް ތައްޔާރީތައް ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓު މިއަދު ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އެ ބޯޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު ފަހު 1:06 ގައި ކަމަށެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ދަތުރުތައް އަލުން ފަށަން ލަސްނުވާނެ ކަމަށް ލަފާކުރެވޭއިރު، މިރޭ 21:00 ގައި ރާއްޖެ އިން ޑާކާއަށް ކޮމާޝަލް ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަރބަސް އޭ320 ގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް އަލުން ފަށަން ނިންމާފައިވާއިރު، މި ސަރަޙައްދުގެ ތެރޭގައިވެސް އަދި އެސަރަހައްދުން ބޭރުގައިވެސް އިތުބާރުހިފޭ އަދި ހަރުދަނާ ވައިގެ ދަތުރުފަތުރުގެ ފުރުޞަތުތައް ފޯރުކޮށްދިނުމަށް އެއަރލައިނުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން ރައްކާތެރިކަމާއި އިތުބާރާއެކު، ޚިދުމަތް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކުންފުނިންވަނީ ފާހަގަ ކޮށްފައެވެ. އަދި މަތިންދާބޯޓު ވަގުތީ ގޮތުން ގްރައުންޑް ކުރުމުގައި ފަސިންޖަރުން ދެއްކެވި ކެތްތެރިވި ކަމަށްޓަކައި ޝުކުރު އަދާކޮށް، ދަތުރުފަތުރުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ދީފަ އެވެ.
އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓު އަލުން އޮޕަރޭޓްކުރަން ފެށުމާއެކު އައިލެންޑް އޭވިއޭޝަން ސާވިސަސް އިން އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށެވެ.