އެމްއެންޔޫގެ މެޑިކަލް ދަރިވަރުންގެ ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން ފާސްވެއްޖެ ކަމުގައި ޔުނިވަރސިޓީން ބުނެފިއެވެ.
އެމްއެންޔޫއިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މިއަދަކީ ރާއްޖެއަށާއި އެމްއެންޔޫއަށް ތާރީހީ ދަނޑިވަޅެއް ކަމުގައެވެ. އަދި އިމްތިހާނުން ފާސްވި މެޑިކަލް ދަރިވަރުންގެ މުޅި ފުރަތަމަ ބެޗަށް މަރުހަބާ ދަންނަވާކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި މެޑިސިން ކިޔަވާދޭން ފެށީ 2018 ގައެވެ. މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީއެއް ކަމަށްވާ ކެބެންސާންސާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިސިން ސްކޫލުގެ ފުރަތަމަ އެމްބީބީއެސް ކޯސް ފެށީ އެ އަހަރު ސެޕްޓެންބަރުގައެވެ.
ބައިނަލްއަޤްވާމީ މިންގަޑުތަކަށްފެތޭ ކަރިކިއުލަމަކާއެކު ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ތައުލީމް ހާސިލް ކުރަމުންދެއެވެ.
އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުންނެވެ. އެހެންނަމަވެސް ދަރިވަރުން ކޯސް ފުރިހަމަ ކޮށްފައިވަނީ ދަރުމަވަންތަ ހިސްޕިޓަލްގައެވެ.