ގައުމީ ގުރުއާން މުބާރާތް ހިންގާ ގޮތަށް ބަދަލުތަކެއް ގެންނާން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އުމީ ޤުރްއާން މުބާރާތަކީ ރަށްރަށާއި ސިޓީ ތަކާއި އަދި އަތޮޅުތަކުގެ މެދުގައި ވާދަކޮށްގެން ހޮވާލެވޭ މަދު ކުދިންތަކެއްގެ މެދުގައި ބާއްވާ މުބާރާތަކަށް ހަދަންޖެހޭ ކަމަށެވެ.
އެގޮތުން މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަން ފާހަގަ ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ ކޮންމެ އަހަރަކުވެސް ކޮންމެ އަހަރަކުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވަމުންދާ ކަމުގައެވެ.
އެހެންކަމުން މިބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށް، ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށާއި، އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަމަށެވެ.
1029 ބައިވެރިންނާއެކު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ފަށާފައިވަނީ ރޭގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަ ހުޅުވާލި މިއަހަރު މުބާރާތުގައި މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާއިރު އޭގެ ތެރޭގައި ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ހިމެނޭ ކަމުގައެވެ.
3 ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިއަހަރުގެ ގުރުއާން މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލެއްގައެވެ. އެގޮތުން ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިޔަށް ދާނީ ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުމެވެ. އަދި މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުމެވެ.
މިބާރާތް ކުރިޔަށްދާ 3 ދަންފަޅިއަކީ:
ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް،
ހަވީރު 16:00 އިން 18:00 އަށް،
ރޭގަނޑު 20:00 އިން 10:30 އަށް
ހުކުރު ދުވަސްތަކުގައި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑުއެވެ.
މިފަހަރުގެ މުބާރާތް އިންތިޒާމް ކޮށްފައިވަނީ މުބާރާތުގައި ބައިވެރިވާން ރާއްޖެތެރެއިން މާލެއަންނަ ބައިވެރިން ގިނަދުވަހު މާލޭގައި ތިބެން ނުޖެހޭ ގޮތަށެވެ.
އަދި ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖުލައިމަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.