ޑްރަގްގެ ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި ބޮންޑާ އާއި އިތުރު 7 މީހަކު ދޫކޮށްލައިފި

ޑްރަގްގެ ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި ބޮންޑާ އާއި އިތުރު 7 މީހަކު ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 07:36
0

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި ފުލުހުންގެ ހައްޔަރުކުރި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަންވީލް ޤާސިމް (ބޮންޑާ) އާއިއެކު އިތުރު 7 މީހަކު ދޫކޮށްލައިފި އެވެ.

ބޮންޑާ ހައްޔަރުކޮށްފައި ވަނީ، އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންގައެވެ. އޭނާ ހައްުޔަރުކޮށްފައި ވަނީ، އޮކްޓޯބަރު ތިން ވަނަ ދުވަހުއެވެ. އޭނާއާއެކު އެ ދުވަހު 14 މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން މިއަދު ބުނީ އޭނާ އާއި އިތުރު މީހުން ދޫކޮށްލީ، ތަހުގީގަށް ބަންދުކޮށްފައި ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ. މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. ޝަރީއަތް ނިމެންދެން ބަންދުކުރީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އަދި މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، (އަބުޗާ) 33، އާއި ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، އެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ. މިއީ އަގުގެ ގޮތުން ބަލާނަމަ 130 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.