އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ޖޫން 8 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާ އަށް ވަޑައިގެންނެވި އިރުގައި ދައުވަތު ލިބުނީ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމުން ދިވެހި ސަރުކާރުގެ ވަފްދު އިންޑިއާ އަށް ދަތުރު ކުރައްވާފައި ވަނީ ދުބާއީ އާއި ސްރީލަންކާގެ މަގުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިހެންކަމުން ޓްރާންސިޓް ކުރުމާ އެކުގައި ދަތުރުފުޅުމަތީ ކޮންމެ ފަހަރަކު ވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ބޭނުމަކީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އަވަށްޓެރި ގުޅުމެއް ބާއްވާ ގައުމެއް ކަމަށްވުމާއި ދިވެހި ސަަރުކާރާއި ހާރިޖީ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން އިންޑިއާގެ އައު ސަރުކާރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މީގެ ކުރިންވެސް ރާއްޖޭގެ ރައީސުންނާއި ދައުލަތުގެ ވެރިން ބައިވެރިވަވަޑައިގަންނަވާފައިވުމުން އެ އާދަކާދަ ހިފެހެއްޓެވުމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުުމޫއާ ރައީސް ބައިވެރިވެވަޑައިގެެންނެވިއެވެ. އަަދި މޯދީ ހުވާކުރެއްވުމުގެ ރަސްމިއްްޔާތުގެ ހަވާސާގައި ރައީސް ވަނީ މޯދީއާ ބައްދަލު ކުރައްވާފައެވެ. އަދި އައު ސަރުކާރުގެ އެކްސްޓާރނަލް އެފެއަރސް މިނިސްޓަރާއިވެސް ރައީސް ބައްދަލުކުރެއްވިއެވެ.