އެމެރިކާގެ ޖާސޫސީ މައުލޫމާތު ލީކުކޮށްލި ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖު މިނިވަންކޮށްފި

އެމެރިކާގެ ޖާސޫސީ މައުލޫމާތު ލީކުކޮށްލި ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖު މިނިވަންކޮށްފި

Author
ޙަސަން މުޙައްމަދު
25 ޖޫން 2024 12:09
0

އެމެރިކާގެ ޖާސޫސީ މައުލޫމާތު ލީކުކޮށްލި ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖު މިނިވަންކޮށްފިއެވެ. އިނގިރޭސިވިލާތުގެ ހައި ސއކިއުރިޓީ ޖަލެއްގައި ބަންދު ކޮށްފައިހުރި އަސާންޖު މިނިވަން ކޮށްފައިވަނީ އެމެރިކާ ސަރުކާރާއެކު ވި އިއުތިރާފްގެ އެއްބަސްވުމަކަށްފަހުއެވެ.

ޖަލުން މިނިވަން ކުރުމާއެކު އަސާންޖު މިހާރުވަނީ އިނގިރޭސިވިލާތުން ފުރާފައެވެ. އެމެރިކާއާއެކު ހެދި އިއުތުރާފްގެ އެއްބަސްވުމުގެދަށުން އެމެރިކާގެ ސަރުކާރުގެ އެއްވެސް ބަންދެއްގައި އޭނާ ނުހުންނާނެއެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުން ފުރައިގެން އޭނާ ދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޓެރިޓޮރީއެއްކަމަށްވާ ނޯތު މެރިއާނާ އައިލޭންޑުގައި ހުންނަ ކޯޓަކަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި އެކޯޓުގައި އޮންނަ އަޑު އެހުމަކަށްފަހު އަސާންޖު އޭނާގެ އަމިއްލަ ގައުމުކަމަށްވާ އޮސްޓްރޭލިއާއަށް ދާނެއެވެ.

އެމެރިކާއާއެކު އަސާންޖުވި އިއުތުރާފްގެ އެއްބަސްވުމުގައި ވާގޮތުން އޭނާ ކުށަށް އިއުތިރާފްވުމުން ނޯތު މެރިއާނާ އައިލޭންޑުގައި ހުންނަ ކޯޓުން އޭނާގެ މައްޗަށް 62 މަސްދުވަހުގެ ޖަލު ހުކުމެއް ކުރާނެއެވެ. އެހެންނަމަވެސް އެ މުއްދަތު، އިނގިރޭސިވިލާތުގައި އޭނާ ޖަލުގައި ހޭދަކުރި ދުވަސްތަކުން ކަނޑާލުމުން އޭނާ ޖަލުގައި އެއްވެސް މުއްދަތެއް ހޭދަކުރާކަށް ނުޖެހޭނެއެވެ.

2010ވަނަ އަހަރު ވިކިލީކްސްއިން އެމެރިކާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ސިއްރު މައުލޫމާތު ހިމެނޭ އެތައްހާސް ފައިލްއެއް އާންމު ކުރުމާއި ގުޅިގެން، އެމެރިކާއިންވަނީ އޭނާގެ މައްޗަށް ޖިނާޢީ 18 ދައުވާއެއް ކޮށްފައެވެ. އޭނާ ފާއިތުވި 5 އަހަރު ހައްޔަރު ކޮށްފައިހުރީ، އިނގިރޭސިވިލާތުގެ ލަންޑަނުގެ ބެލްމާޝް ޖަލުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ، 175 އަހަރުގެ ޖަލުހުކުމް އޭނާގެ މައްޗަށް އަންނާނެއެވެ.

އެހެންނަމަވެސް އިއުތުރާފްގެ އެއްބަސްވުމާއެކު އެމެރިކާއިން އޭނާގެ މައްޗަށް ކޯޓުގައި ކުރާނީ އެންމެ ކުށެއްގެ ދައުވާއެވެ.

އިނގިރޭސިވިލާތުން އަސާންޖު ހައްޔަރު ކޮށްފައިވަނީ، އޭނާ 7 އަހަރުވަންދެން ދިރިއުޅެމުންއައި އިކުއަޑޯރ އެމްބަސީއަށްވަދެ، އެމެރިކާއާއި އޭނާ ހަވާލުކުރުމަށް ކޮށްފައިވާ އަމުރެއްގެ ދަށުންނެވެ. އިނގިރޭސި ސިފައިން އިކުއަޑޯރ އެމްބަސީއަށް އޭނާ ހައްޔަރު ކުރުމަށް ވަދެފައިވަނީ، އެގައުމުން އޭނާއަށް އެހާތަނާ ހަމައަށް ދީފައިއޮތް ސިޔާސީ ހިމާޔަތް އަބުރާ ގެންދިއުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.