ސިއްހަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފިއެވެ.
ވަޒީރުގެ ދަތުރުފުޅާއި ބެހޭގޮތުން މައުލޫމާތު ދެމުން ސިއްހީ ވުޒާރާއިން އެކްސްއަށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވަޒީރު ޗައިނާއަށް ދަތުރުކުރައްވަނީ، '2024 ޝެންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ފޯރަމް’ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ސަގާފި ބޭސްވެރިކަމަށް ހާއްސަކުރެވިގެން ބާއްވާ އެ ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ވާރުތަވެރިކަން، އީޖާދު، އިންޓަގްރޭޝަން އަދި ތަރައްގީ" އެވެ. ޗައިނާގައި މާދަމާ ފަށާ މި ފޯރަމް ނިމޭނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތާރީހަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހެވެ.
ވަޒީރު ހަލީލުގެ އިތުރުން އިތުރު 2 ވަޒީރެއްވެސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފައިވެއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި އިރު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ފުރާ ވަޑައިގެންނެވީ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.