މާލޭ އީދު މިސްކިތުން ވައްކަން ކުރި މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، ޢީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އެކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އީދު މިސްކިތުގެ ފަންކާ ވަގަށް ނަގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. މާލޭ ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމުގައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.
ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މިސްކިތުގެ ކެމެރާ ފުޓޭޖުތައް ނަގައި ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް ކައުންސިލުން އިލްތިމާސް ކުރަން،" ސިޓީ ކައުންސިލްގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވެ އެވެ.
މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނެގުމުގެ ކަންކަން މި ފަހަކުން އަންނަނީ ހިނގަމުންނެވެ.
މިދިޔަ މާޗު މަހު ތަގުވާ މިސްކިތުން ހަތް ފަންކާ އަދި ދަރުމަވަންތަ މިސްކިތުން ވެސް ފަންކާއެއް ވަގަށް ނެގި އެވެ. އޭގެ ފަހަތުގައި ހުރި މީހާ ހޯދައި އޭރުގައި ހައްޔަރު ވެސް ކުރި އެވެ.
ކޮމެންޓު ފޮނުވާ