ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީފައި ނުވާތީ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަރު ޖަލްސާ ފެށިއިރު ހާޒިރުވެވަޑައިގެން ނެތުމުން މައްސަލަ މަޖިލިހުގައި ކުރިޔަށް ނުގެންދެވުނެވެ.
މަސްވެރިން އައްޑޫގައި ކުރަމުންދާ މުޒާހިރާއާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި އަބުދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށާއި، އެހެންނަމަވެސް މަޖިލިސް ފެށުނުއިރު މައްސަލަ ހުށަހެޅުއްވި މެމްބަރު މަޖިލީހަށް ހާޒިރިވެވަޑައިގެން ނެތުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމުގައެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު ތަޅުމުގައި ވަޑައިގެންނެތީމަ، މިވަގުތު ކުއްލި މައްސަލައާއިގެން ކުރިއަށް ދެވޭކަށް ނެތް.
މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ވަނީ ބުނެފައެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިމް ވިދާޅުވީ އީދުގެ ކުރިން މަސައްވެރިންނަށް 120 މިލިއަން ރުފިޔާ ދޭން ޖެހިފައި ހުރިިކަމުގައެވެ. އެހެންނަމަވެސް އީދުގެ ކުރިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާގެ ތެރެއިން މިހާތަނަށް ދީފައިހުރީ 40 މިލިއަން ރުފިޔާ ކަމަށާއި މިހާތަނަށް އަދިވެސް ނުދީ 80 މިލިއަން ރުފިޔާ އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.