އަންނަ މިނިވަން ދުވަހާ ދިމާކޮށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބޭއްވުމަށް ހަމަޖައްސާފައިވާ ނައިޓް މާރކެޓް ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރަވެރިންނަށް އިތުރު ފުރުސަތު ފަހިކޮށްދިނުންކަމުގައި އެމްޓީއޭގެ ޗެއަރޕާސަން، ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރަވެރިންނަށް ފުރުސަތު ފަހިކޮށްދޭން ބޭނުންވަނީ ދިވެހިން އަތުން ބީވަމުންދާ އިގްތުސާދު ދިވެހީންނަށް އަލުން އަނބުރާ ހޯދާ ދިނުމުގެ މަގުސަދުގައި ކަމަށާއި، އެމްޓީއޭއިން އެދެނީ ނައިޓް މާރކެޓްގައި ވީހާ ގިނަ ދިވެހިން ބައިވެރިވުން ކަމުގައެވެ.
MTA ge magusadhakee gellifaivaa kudhi adhi medhu fanthee viyafaari thakah ithuru furusath dhee dhiveheen athun beevegendhaa iguthisaadh dhiveheen nah anburaa hoadha dhinun.alhugadumen edhenee mi furusath veehaa gina dhivehi viyafaari vereen hifun. pic.twitter.com/OhoNCPslXj
— Saudulla Ahmed (@saudullaahmed1) June 22, 2024
މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
އެމްޓީއޭއިން ބުނެފައިވަނީ މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގުސަދުގައި ކަމުގައެވެ.
"މިނިވަން އުފާ ނައިޓް މާރކެޓް"ގެ ނަމުގައި އެމްޓީއޭއިން ބާއްވާ މި ނައިޓް މާރކެޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުޅުމާލެ ރުށްގަޑު 2 ސަރަހައްދުގައި، އަންނަ ޖުލައިމަހުގެ 13 އިން އޮގަސްޓުމަހުގެ 9 އަށެވެ.
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އަކީ ވިޔަފާރިވެރިންނަށް، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން އިތުރު ފުރުސަތު ހޯދާދީ އަދި ވިޔަފާރިއާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.