ރ. މީދުއަށް ޝޯ ދޭން ގޮސް އުޅުނު ގުރޫޕެއްގެ އަންހެނަކު އެ ރަށުގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީދުއަށް އީދު ޝޯ ދޭން ދިޔަ ގުރޫޕެއްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުގައި ޓިކްޓޮކް ކުޅެފައިވަނީ އެ ރަށުގެ އެންމެ ދުވަސްވީ މިސްކިތުގައެވެ. އެ ރަށު ގަބުރުސްތާނުގައި ހުންނަ އެ މިސްކިތަށް 300އަށްވުރެ ގިނަ އަހަރު ވެދާނެކަމަށް ބެލެވެއެވެ. ޔުނެސްކޯގެ ހެރިޓޭޖް މިސްކިތް ލިސްޓުގައި ވެސް އެ މިސްކިތް ވަނީ ހިމަނައިފައެވެ.
އެ ޓިކްޓޮކް މިސްކިތްތެރޭގައި ވެސް ކުޅެފައިވާއިރު, މިސްކިތްތެރޭގައި ނަށާ މަންޒަރު ވެސް ދައްކުވައިދެެއެވެ.
މީދުއަކީ ރާއްޖޭގައި އެންމެ ފޯރިއާއެކު އީދު ކުޅިވަރު ކުޅޭ އެއް ރަށެވެ. އެ ރަށުގައި އޮންނަ ދެ އަވަށްކަމަށްވާ, ހުޅަނގު އަދި އިރުމަތި އަވަށުން ވެސް ވަރަށް ވާދަވެރިކަމަކާއެކު ކުޅިވަރުތައް އޮވެއެވެ. ތަފާތު އެކި ކުޅިވަރުތައް އޮންނަ މީދުއަށް ކޮންމެ އަހަރަކު ވެސް އީދަށް ގިނަ ބަޔަކު ދެއެވެ.