ޖިނާއީ ޢަދުލުގެ ނިޒާމުގައި އެންމެ މުހިންމު، އަސާސީ ޚިދުމަތެއް ފޯރުކޮށްދެނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހިކޮށްދިނުމަށްޓަކައި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައި އޮންނަންވާނެ ކަމަށް ޤާނޫނުއަސާސީގައި އޮވެއެވެ. މި ޢިބާރާތުން، ފުލުހުންނަކީ، އަމަން އަމާންކަން ޤާއިމުކޮށްދިނުމުގެ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްކަން އެނގެއެވެ. އެ ޚިދުމަތުގެ ތެރޭގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުން ހިމެނެއެވެ.
ތަޙުޤީޤުކުރާ އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި، އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށް ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. އަދި، ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރަން އަމުރު ނެރުމުގެ ބާރުވެސް ޕްރޮސިކިއުޓަރ ޖެނެރަލަށް ޤާނޫނުއަސާސީން ލިބެއެވެ. މިބާރު އެހެން އެއްވެސް މީހަކަށް ލިބިފައެއް ނުވެއެވެ.
ވީމާ، ފުލުހުންގެ ޚިދުމަތުން ކުރާ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމާބެހޭ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙުކުރަންވީ ކަންކަން އެންގުމާއި، ފުލުހުން ނުބަލާ ދޫކޮށްލާ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތާއި ޤާނޫނީ ދައުރު އޮތީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. މިކަން ކަށަވަރުވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 13 ވަނަ ބާބު ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރަށް ޚާއްޞަކޮށްފައިވާތީއެވެ. އެޤާނޫނުގެ 72 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު) ގައި، އެކަން ހިނގާންވީ ގޮތް އެބަ އޮތެވެ. އެމާއްދާ ބުނާ ގޮތުން، ފުލުހުން ލިޔުމުން އިރުޝާދަކަށް އެދުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ދޭ އިރުޝާދަކާ އެއްގޮތަށް ޢަމަލުކުރުމަކީ ފުލުހުންނަށް ޤާނޫނީ ގޮތުން ލާޒިމުކަމެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ފުލުހުންނަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ބައިވެރިޔާއެވެ. މި ދެ މުއައްސަސާގެ މަސައްކަތް އޮތީ ޤާނޫނީ ގޮތުން ގުޅި ލާމެހި ބަނދެވިފައެވެ.
ނޯޓު: މިއީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމު އެ އިދާރާގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ އޭނާގެ އަމިއްލަފުޅު ލިޔުމެއްގެ ނަކަލެކެވެ.