އަބްދުލްހަންނާން ހަލީމްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަބްދުލްހަންނާން ހަލީމްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން, އެ މަނިކުފާނުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަބްދުލްހަންނާން ހަލީމަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަގާމުގައި ދައުލަތަށް ހިދުމަތްކުރައްވި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ހިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވާފައިވާ، ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި ރައީސް ވަނީ މަރުޙޫމް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާފައެވެ. އަދި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އެދި ހެޔޮ ދުއާ ވެސް ކުރައްވާފައެވެ.

87 އަހަރުފުޅުގެ އަބްދުލްހަންނާން ހަލީމް އަވަހާރަވީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އަބްދުލްހަންނާން ހަލީމަކީ، ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. އަދި އެއީ ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާއެވެ.

އެ ބޭފުޅާއަކީ މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްފުޅުން ސައްޔިދު ބޭފުޅެކެވެ. އެ މަނިކުފާނަކީ ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅާއި އެހެނިހެން ރަސްދަރިކޮޅުތަކާއި މަތީ ދަރިކޮޅުތަކުގެ ބޭފުޅެކެވެ.

އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *