ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ.
"ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު 2024/01″ ގެ ބޭނުމަކީ ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑްރެސް ކޯޑެއް ކަނޑައެޅުމާއި، އެ ޑްރެސް ކޯޑު ދަށު ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްދިނުމެވެ.
އެގޮތުން ދަށު ކޯޓުގެ ފަނޑިޔާރުންގެ ޑްރެސް ކޯޑަކީ ގައުން ކަމުުގައި ކަނޑައަޅައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގައުންގެ ނަމޫނާ ތައްޔާރުކޮށް އާންމުކުރަންވާނެ ކަމަށް އެ އުސޫލުގައިވެއެވެ.
އަދި މި އުސޫލު ފާސްވެ އާންމުކުރާ ތާރީހުން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި މިހާރު ތިއްބެވި ފަނޑިޔާރުންނަށް ގައުން ފޯރުކޮށްދިނުމަކީ ޑީޖޭއޭގެ ޒިންމާއެކެވެ.
އުސޫލުގައިވާ ގޮތުން އޮކްޓޯބަރު 1 އިން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތިބެން ވާނީ ގައުން ލައިގެންނެވެ. އަދި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށް އެ އުސޫލުގައިވެއެވެ.