އިންޑިއާގެ އާންމު އިންތިހާބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރިހޯދުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކާމިޔާބީޔަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި ބޭއްވުނު އާންމު އިންތިޚާބު ބީޖޭޕީ ކޯލިޝަނުން ކާމިޔާބު ކުރިއިރު އެޕާޓީއަށް ކާމިޔާބު ކުރެވުނީ 240 ގޮނޑިއެވެ. މިއީ 2019 ވަނަ އަހަރު އެޕާޓީން ކާމިިޔާބު ކުރި 303 ގޮނޑިއަށްވުރެ ވަރަށްވެސް ދަށް ނަތީޖާއެކެވެ.
އެހެންކަމުން، ބީޖޭޕީއަށް އެކަނި ސަރުކާރެއް އުފެއްދޭވަރުގެ ކާމިޔާބީއެއް މިއިންތިޚާބުގައި ހޯދިފައެއް ނުވެއެވެ. އެއްވެސް އަމިއްލަ ޕާޓީއަކަށް ސަރުކާރެއް އުފެެއްދެނީ 543 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލުހެ 272 ގޮނޑި ލިބިގެންނެވެ. އެހެންނަމަވެސް ބީޖޭޕީގެ ކޯލިޝަނަށް ޖުމްލަ 293 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.
އެހެންކަމުން ބީޖޭޕީ ކޯލިޝަނަށް ސަރުކާރު އުފެއްދުމުގެ ޖާގަވަނީ ލިބިގެން ގޮސްފައެވެ.
މިއިންތިޚާބު ވެގެންދިޔައީ ފާއިތުވި 10 އަހަރުތެރޭގައިވެސް ގާނޫނުހަދާ މަޖިލިހުގައި ބީޖޭޕީއަށް އޮތް މެޖޯރިޓީ ގެއްލިގެންދިޔަ ފުރަތަމަ ފަހަރެވެ.
މި އިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީ މައި ޕާޓީއެއްގެ ގޮތުގައި އޮތް ކޯލިޝަނުންވަނީ 232 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެހެން ޕާޓީތަކަށް ކާމިޔާބު ކުރެވިފައިވަނީ 18 ގޮނޑިއެވެ.
މިއީ އިންޑިއާގެ ތާރީހުގައިވެސް ތިން ވަނަ ދައުރަކަށް ބޮޑުވަޒީރަކަށް ބޭފުޅަކު ވަޑައިގަންނަވާނެ ފަހަރެވެ. އެކަން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެސް ފާހަގަކުރައްވައި މޯދީއަށް މަރުހަބާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މޯދީގެ ޒައާމަތުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވާ ކަމަށާއި އަދި މި ފަހަރުގެ ކާމިޔާބީއާއެކު ވެސް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ނެެގެހެއްޓުމަށްޓަކައި އިންޑިއާގެ ރައްޔިތުންނާއި އަދި އެ ގައުމުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ޝާހިދު ތައުރީފް ކުރެއްވި އެވެ.