ކުރިޔަށް އޮތް ދެ ހަފްތާތެރޭ ރާއްޖޭގައި ހެލިކޮޕްޓަރ ޚިދުމަތްދޭ ބަޔަކު ހޯދަން އިއުލާން ކުރާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅު ވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ބާރަށް ކުރިޔަށްދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ ރާއްޖޭގައި މި ޚިދުމަތް ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ދިރާސާއެއް ހަދާފައިވާ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ މިމަސައްކަތް ކުރުމަށްޓަކާ ކުރާންޖެހޭ ކަރުދާހުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު މަޑުކުރަން ޖެހިފައިވަނީ އެ މަސައްކަތަށް މަގުފަހިކުރުމަށްޓަކާ މާލިއްޔަތު ގާނޫނަށް ގެންނާންޖެހޭ ބައެއް ބަދަލުތައް ގެނައުމަށް ކަމުގައެވެ.
އަޅުގަނޑަށް އެންމެ ފަހުން ލިބިފައި އޮތް މައުލޫމާތުގައިވާ ގޮތުން މި ހަފުތާ ނިމޭއިރުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ ހަފުތާގެ މެދުތެރެޔަށް ދާއިރު ފިނޭންސް މިނިސްޓްރީން އެކަންތައް ނިންމަވާނެ. ނިންމެވުމާއެކީގައި އަޅުގަނޑުމެން އާރްއެފްޕީ އާއި ސަރުކާރުގެ ގެޒެޓުގަ އާއި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނަން. ސާކިއުލޭޓްކުރީމައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ގާބިލްކަން ހުރި ކޮންޕޯނެންޓެއް ގެނެވޭނެ ކަމަށް.
މިނިސްޓަރު އަމީން ވިދާޅުވި އެވެ.