20 ވަނަ ރައްޔިތުންގެ މަޖިލިހަކީ ނަތީޖާ ނެރޭ މަޖިލިހަކަށް ހެދުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފިއެވެ.
މަޖިލިހުގެ އާ މެމްބަރުން މިއަދު ހުވާ ކުރެއްވުމާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އާ ބާބެއްގެ ފެށުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް ތިޔަ ކުރެއްވި ހުވައާ އެއްގޮތަށް އަމަލުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް މަސައްކަތްކުރުމަށް އެންމެހައި އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ވިހި ވަނަ މަޖިލިހުގައި 93 މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު، އެ ހުރިހާ މެމްބަރުން ވެސް މިއަދު ހުވާ ކުރައްވައިފައެވެ. އަދި ހުވާ ކުރެއްވުމަށް ފަހުގައި ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މެމްބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބު ވެވަޑައިގެންނެވި ނުވަ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ. މަޖިލިހުގައި ދެން ތިއްބަވަނީ އެމްޑީޕީގެ 12 މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމްއެންޕީގެ މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި ދެ މެމްބަރެކެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް މަރުހަބާ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އައު ބާބެއްގެ ފެށުން. ރާއްޖޭގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް މިއަދު ތިޔަ ކުރެއްވި ހުވައާ އެއްގޮތަށް އަމަލުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް މަސައްކަތްކުރުމަށް އެންމެހައި އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކުރަން.