ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި 2210 މީހުން އެ ކަމަށް އެދި ފޯމު ހުށަހަޅައިފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނި ގޮތުގައި 1،250 އަކަފޫޓުގެ 196 ގޯއްޗަށް 1،093 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 1،650 އަކަފޫޓުގެ 663 ގޯއްޗަށް 880 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 2،050 އަކަފޫޓުގެ 234 ގޯއްޗަށާއި 2،450 އަކަފޫޓުގެ ތިން ގޯއްޗަށް ކުރިމަތިލީ އެ އަދަދަށެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ 1،250 އަކަފޫޓުގެ ގޯތިތަކާއި 1،650 އަކަފޫޓުގެ ގޯތިތަކަށް ހުށަހެޅި ފަރާތްތަކުގެ އަދަދު، ކަނޑައެޅިފައިވާ ގޯތިތަކުގެ އަދަދަށް ވުރެ ގިނަ ވުމުން ގޯތި ބަދަލު ކުރެވޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ.
އެ ގުރުއަތު ނެގުން ޖޫން 4، ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ތަނާއި ގަޑި މިނިސްޓްރީން ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ލިސްޓު ވެސް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ޖެހުމާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަނީ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ގޯތި ދޭން ޖާގަ ނެތިގެން ކަމަށެވެ.
ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް މި ސަރުކާރުން ބުނެ އެވެ.
އެ ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެ ނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅީފަޅުން އިތުރު ގޯތި ދިނުމުގެ ވިސްނުމުގައި ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.