10 އަހަރުގެ ދެދައުރު ފުރިހަމަކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް މިއަދު އަލްވަދާއު ކިޔުއްވިއިރު ލިބިލެއްވި އެންމެ ބޮޑު އުފަލަކީ ރައްޔިތުންގެ މަޖިލީހުގައި ގައުމުގެ ހެވާއި ލާބައަށް މެދުވީ އެންމެ ވޯޓެއްވެސް ދީފައި ނުވުން ކަމުގައި، ނިމިގެންދާ 19 ވަނަ މަޖިލިހުގައި ތިމަރަފުށި ދާއިރާ ތަމްސީލު ކުރެއްވި އަބުދުއްﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ 19 ވަނަ ދައުރު ނިމުމާއެކު، ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް، އަދި އާ ދައުރުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވުމަށް ރިޔާޒް އާންމު ކުރެއްވި އެކްސް ޕޯސްޓެއްގައި ރިޔާޒުވަނީ މަޖިލިހުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ދެެއްވީތީ ކިނބިދޫ ދާއިރާގެ ރައްޔިތުންނަށާއި އަދި ތިމަރަފުށީ ދާއިރާގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު އޭނާ ޝުކުރު އަދާކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަޅުގަޑު މަސައްކަތް ކޮށްފައިވާނީ ކިނބިދޫ ދާއިރާއަށާއި، ތިމަރަފުށީ ދާއިރާއަށާއި ކޮޅުމަޑުލަށާއި އަދި މުޅި ގައުމަށް އެންމެ ރަގަޅު ގޮތަށް ކަންތައްތައް ފަހި ކުރެވޭތޯ އޭރެއްގަ އޮތް ސަރުކާރަކާ ގުޅިގެން، މަސައްކަތް ކޮށްފަ ވާނެ. އަޅުގަޑު އެންމެ އުފާވާ އެއް ސަބަބަކީ މިއަދު އަޅުގަޑު މި ޚިދުމަތް ނިންމާފަ ދާއިރުގަ އަޅުގަޑު މަޖިލިހުގަ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އަދި ދީފައިހުރި ވޯޓުތަކަށް ބަލާއިރު އަޅުގަޑު ހަމަ އެންމެ ވޯޓެއްވެސް އަޅުގަޑުގެ އަމިއްލަ ވިސްނުމަށް ގަބޫލު ނުކުރެވޭ، އަދި ގައުމަށް އެންމެ ފައިދާހުރި ކަންކަން ފިޔަވާ އެއްވެސް ގޮތަކަށް ވޯޓު ދީފައި ނުވާނެ. އެއީ އަޅުގަޑު މިއަދުވެސް އެންމެ އުފާވާ އެއްކަމަކީ.
ރިޔާޒުގެ ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
ރިޔާޒު ވިދާޅުވީ އޭނާ މަޖިލިހުގައި މަސައްކަތް ކޮށްފައިވާނީ އަބަދުވެސް ގައުމު އިސްކޮށްގެން ކަމުގައެވެ.
Immensely grateful for the trust and support I received from my constituents! Thank you! pic.twitter.com/yPmcM9fvMG
— Abdulla Riyaz (@riyazabdulla) May 27, 2024
ރިޔާޒުވަނީ 20 ވަނަ މަޖިލިހަށް އިންތިޚާބުވި އޭނާގެ ބޭބެ އަހުމަދު ރިޔާޒަށް މަރުހަބާ ވިދާޅުވެ، ސަރުކާރާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުން ތިމަރަފުށީ ދާއިރާއާއި ކޮޅުމަޑުލަށާއި އަދި ގައުމަށް ތަރައްގީއާއި އަދަށްވުރެ ފެހި މާދަމާއެއް ލިބިގެން ދިއުން އެދޭކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިހުގައި ދެދައުރު ފުރިހަމަ ކުރެއްވުމަށްފަހު ރިޔާޒު ވިދާޅުވެފައިވަނީ ދެން މަޖިލީހަށް ކުރިމަތި ނުލައްވާނެ ކަމުގައެވެ. އަދި ކުރިޔަށް އޮތް ދައުރު އޭނާގެ ބޭބެ އަހުމަދު ރިޔާޒަށް ކާމިޔާބު ކޮށްދިނުމަށް އޭނާ ފާއިތުވި މަޖިލިސް އިންތިޚާބުގައި މަސައްކަތް ކުރައްވާފައި ވެއެވެ.
މަޖިލިހަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާޒުވަނީ ޕޮލިސް ކޮމިޝަނަރގެ މަގާމް އަދާކުރައްވާފައެވެ. ރިޔާޒު ހިމެނިވަޑައިގަންނަވަނީ، ދެދައުރު ފުރިހަމަ ކުރެއްވުމަށް މަޖިލިހުން އަމިއްލަފުޅަށް ރިޓަޔަރ ކުރެއްވި މަދު ބޭފުޅުންގެ ތެރޭގައެވެ.