ސުންގަޑި ހަމަވިއިރު 320 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވޭ، ސުންގަޑި ހަމަވިފަހުންވެސް ބައެއް ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސުންގަޑި ހަމަވުމުގެ ފަހުން ކެނޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ސަބަބު އަދި މުޅިން ސާފުވެފައި ނުވާކަމަށާއި، އެ ކެނޑިޑޭޓުންނާމެދު އަމަލުކުރާނެގޮތެއް ކޮމިޝަނުން ފަހުން އިއުލާން ކުރާނެކަމުގައެވެ.
މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުން ނުވަތަ މައުލޫމާތު ފުރިހަމަ ނުވެއްޖެނަމަ އެ ކެނޑިޑޭޓުން ޖޫރިމާނާ ކުރުމުގެ ބާރުވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިފައި އޮވެއެވެ. އެގޮތުން ކުރެވޭ އެންމެ ބޮޑު ޖޫރިމާނާއަކީ 72،000 ރުފިޔާއެވެ.
މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލާފަ އޮތީ ފާއިތުވި ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ކަމާއި ގުޅިގެން އީސީގެ ކުރީގެ ނައިބު ރައީސް އިސްމާޢިލް ހަބީބް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ވިޔަސް ނުވަތަ ނުވިޔަސް، އެދުވަހުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނާޅައިފިނަމަ، ގާނޫނުގައި ބުނާ ގޮތަށް އެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށެވެ.
މިގޮތުން، އޭނާ ވިދާޅުވީ، އެ މެންބަރުންނަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
މާލީ ބަޔާން ހުށަނާޅައިފިނަމަ، ގާނޫނުގަ އޮންނަނީ ޖަލު ހުކުމެއް ނޫނީ ޖޫރިމަނާ ކޮންމެސް އެކައްޗެއް އަންނާނެ. އެ ދެން ޕީޖީން ނިންމާ ގޮތަކަށް އެކަން ކުރިއަށް ދާނީ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒަކަރިއްޔާ ވިދާޅުވިއެވެ.