ފަތުރުވެރިންނަށް ޚާއްސަ ކޯވިޑް އިންޝުއަރެންސް ޕްލޭނެއް ތަޢާރަފްކޮށްފި

ފަތުރުވެރިންނަށް ޚާއްސަ ކޯވިޑް އިންޝުއަރެންސް ޕްލޭނެއް ތަޢާރަފްކޮށްފި

Author
ހުސައިން
09 އޮކްޓޯބަރ 2020 04:26
0

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން އެލައިޑް އިންޝުއަރަންސާއި މިނިސްޓްރީ އޮފް ޓުއަރިޒަމް ގުޅިގެން ކޯވިޑް އިންޝުއަރަންސް ޕްލޭނެއް ތަޢާރަފްކޮށްފިއެވެ.

ފަތުރުވެރިންނަށް ޚާއްސަ ކޯވިޑް އިންޝުއަރަންސް ޕްލޭން ލޯންޗުކޮށްދެއްވީ މިނިސްޓރ އޮފް ޓުއަރިޒަމް ޑރ.ޢަބްދުﷲ މައުސޫމްއެވެ.

އެލައިޑް އިންބައުންޑްގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އިންޝުއަރެންސް މިޕްލޭނަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ނުވަތަ އެހެން ބޭނުމެއްގައި ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ މީހަކަށް ކޯވިޑް-19 ޖެހުމުން އެކަހެރި ކުރުމަށާއި ބައްޔާއި ގުޅުންހުރި ކަންކަމަށް ޚަރަދުވާ ފައިސާ ކަވަރު ކުރާ ޕްލޭނެކެވެ. އެގޮތުން ކޯވިޑް-19 ޖެހިގެން، އެކަހެރިކުރުމަށް އެ މީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރާ ދަތުރުފަތުރުގެ ޚަރަދާއި އެކަހެރިވެ ހުންނަ މުއްދަތުގައި ބައްޔަށް ފަރުވާ ކުރަން ޖެހިއްޖެނަމަ އެކަމަށް ޚަރަދުވާ ފައިސާ އާއި އައިސޮލޭޝަން ފެސިލިޓީއަށް ހޭދަވާ ފައިސާވެސް މިޕްލޭނުން ކަވަރު ކުރެއެވެ.

ރާއްޖޭގެ ބޯޑަރުން އެތެރެވުމުގެ ކުރިން ނަގަން ޖެހޭ މިޕްލޭން ލިބެން ހުންނާނީ އޮންލައިންކޮށް އެލައިޑް ވެބްސައިޓުންނެވެ. މިޚިދުމަތާއި ގުޅޭ އިތުރު ތަފުސީލްތައް އެލައިޑްގެ ވެބްސައިޓާއި ހިލޭ ގުޅޭ ހޮޓްލައިންއިން ލިބޭނެކަމަށް އެލައިޑުން ބުނެއެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ވިޔަފާރިތަކަށް ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކޮށް، ވިޔަފާރި އާއި މުޖުތަމަޢަށް ރައްކާތެރި ގޮތަކަށް ވިޔަފާރިތައް އޮޕަރޭޓްކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ އަމާޒުގައި ތަޢާރަފްކުރި އިންޝުއަރަންސް މިޕްލޭނެއް ކަމަށް އެލައިޑުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާޒު ވިދާޅުވިއެވެ.

އެލައިޑުން ބުނީ ކޮންމެ ޤައުމެއްގެ ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ޕެކޭޖް ނެގޭނެ ކަމަށެވެ. މިޕްލޭން ބެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ އެލައިޑް އިންބައުންޑާއި އެލައިޑް އިންބައުންޑް ޕްލަސްއެވެ. މިއީ ރާއްޖެ އަންނަ ބޭރު ޤައުމު ތަކުގެ މީހުންނަށް ޚާއްޞަ އިންޝުއަރަންސެއް ކަމުން މި މި އިންޝުއަރަންސް ދިވެހިންނަށް ނުނެގޭނެއެވެ.

އެލައިޑުން މައުލޫމާތުދޭ ގޮތުގައި، މިޕްލޭން ތައްޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ހެޔޮ އަގެއްގައި ފަތުރުވެރިންނަށް މިޕްލޭން ލިބޭނެ ގޮތް ހެދުމަށެވެ. އެގޮތުން އެލައިޑުން ކަނޑައަޅާފައިވާ އަގުތަކަކީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ހެޔޮ އަގުތައްކަން އެކުންފުނިން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.