ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށްޓަކާ އެ ސިޓީގެ އައްސޭރީގައި އެމެރިކާއިން ގާއިމްކުރި ވަގުތީ ބަނދަރު ބޭނުންކޮށްގެން އިންސާނީ އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.
އެމެރިކާއިން 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުން ކޮށްގެން ގާއިމްކުރި މި ބަދަރަކީ އެއްގަމުމަގުން ޣައްޒާއަށް އެހީ ފޯރުކޮށްދެވެން އޮންނަ ހަމައެކަނި ދޮރޯށި ކަމުގައިވާ ރަފާ ބޯޑަރު އިސްރާއީލުން ބިންދު ކުރުމާއި ގުޅިގެން އެމެރިކާއިން ގާއިމްކުރި ވަގުތީ ބަނދަރެކެވެ. އެގޮތުން މި ބަނދަރު ބޭނުންކުރަން ފެށި ދުވަހު މި ބަނދަރު ބޭނުންކޮށްގެން ދަނީ 90 ލޮރީގެ އެހީ ފޯރުކޮށްދީފައެވެ.
އެހެންނަމަވެސް އެމެރިކާއިންވެސް ބުނެފައިވަނީ މިއީ އެކަށީގެންވާ މިންވަރެއް ނޫންކަމަށާއި، ޣައްޒާއަށް ދުވާލަކަށް 500 ވަރަކަށް ލޮރީގެ އެހީ ބޭނުންވާ ކަމުގައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާ ހަމަލާތަކުގައި މިހާތަނަށް އައިއިރު 35،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އިސްރާއީލުން މިހާރުދަނީ ޣައްޒާގެ މުޅި އާބާދީ ޖަމާވެފައިވާ ރަފަހައަށް ހަމަލާ ދެމުންނެވެ. އަދި ޖަބަލިއާ ކޭމްޕަށް ހަމަލާދީ އެ ކޭމް އެކީ ކަހަލަ ގޮތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ފުނޑުފުނޑު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ