އިކޮނޮމިކް މިނިސްޓްރީއާއި ސީޑަބްލިއުއީއައިސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

އިކޮނޮމިކް މިނިސްޓްރީއާއި ސީޑަބްލިއުއީއައިސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

Author
ޙަސަން މުޙައްމަދު
17 މެއި 2024 09:58
0

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ތަރައްގީކުރުމަށް ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިޤްތިޞާދީ ތަފާތުކުރުމުގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (މެޑްޓް) އާއި ކޮމަންވެލްތް އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީޑަބްލިއުއީއައިސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެމްއޯޔޫ އަކީ، އިގްތިސާދީ ކުރިއެރުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ދުޅަހެޔޮކަމާ ގުޅިލާމެހިފައިވާ ދެ އެއްޗެއްކަން ހާމަކޮށްދޭ އެމްއޯޔޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މި އެމްއޯޔޫއަކީ ލަންޑަންގައި ކުރިއަށްދިޔަ މޯލްޑިވްސް ފައިނެންސް ސެކްޓަރ މަޝްވަރާ ބައްދަލުވުމަށްފަހު ސޮއިކުރެވުނު އެމްއޯޔޫ އެކެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފައިނެންޝަލް ސާވިސް އިންޑަސްޓްރީއަށް ގެނެސްދެއްވުމަށް ރައީސް ބޭނުންފުޅުވާ ކުރިއެރުންތައް ގެނައުމަށް، ސީޑައިބްލިއުއީއައިސީ އިން، އިނގިރޭސިވިލާތާއި ކޮމަންވެލްތުގައި ހުރި އެ ކައުންސިލްގެ ނެޓްވޯކުތަކުގެ ބޭނުން ހިފައިގެން ރާއްޖޭގެ އެކޮނިމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ސީޑައިބްލިއުއީއައިސީ އިން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކުގެ ތެރޭގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ސޮވެރިން ވެލްތު ފަންޑެއް ތަޢާރަފްކުރުމުގައި އެ އޮތޯރިޓީގެ ފީސިބިލިޓީ އަދި އިކޮނޮމިކް ވެލިއު އެޑިޝަން ދެނެގަތުމާއި، ސޮވެރިން ވެލްތް ފަންޑެއް އުފެއްދުމަށް ބޭނުންވާ އިންސްޓިޓިއުޝަނަލް ފްރޭމްވޯކް އެކުލަވާލުމުގައި އެކަށީގެންވާ އެހީތެރިކަމެއް ލިބިއްޖެނަމަ، ލަންޑަނުގައި އެ އޮތޯރިޓީގެ މަސައްކަތްތައް ފެށުމަށް މަގުފަހިކޮށްދީ، އިސްތިހާރުކޮށްދިނުން ހިމެނެއެވެ.

އަދި ބައިނަލްއަގްވާމީ އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމާއި ސަޕޯޓް ސާވިސް އިންޑަސްޓްރީއެއް އުފެއްދުމާއި، މެރިޓައިމް އިންޑަސްޓްރީއާ ގުޅިފައިވާ އިންޝުއަރެންސް ވިޔަފާރިތައް އުފެއްދުމަށް ބޭނުންވާ ފްރޭމްވޯކެއް ޑިވެލޮޕްކުރުމުގައި ވެސް އެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެއިތުރުން، ފައިނޭންޝަލް ސެންޓަރުތަކާއި ޑިވެލޮޕްމަންޓް ބޭންކުތައް ޤާއިމުކުރުމަށް ބޭނުންވާ އިންސްޓިޓިއުޝަނަލް ފްރޭމްވޯކް އެކުލަވާލުމާއި، ކެޕޭސިޓީ ބިލްޑިންގ ސަޕޯޓް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސައީދެވެ. ސީޑަބްލިއުއީއައިސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޯޒީ ގްލޭޒްބްރުކް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.