އުފާވެރި އާއިލީ ވެއްޓެއް ހޯދުމުގެ ބަދަލުގަ ކައިވެނިތައް ރޫޅާލުމަށް ދަނީ ހިތްވަރު ދެމުން: އިސްގާޒީ މާހިރު

އުފާވެރި އާއިލީ ވެއްޓެއް ހޯދުމުގެ ބަދަލުގަ ކައިވެނިތައް ރޫޅާލުމަށް ދަނީ ހިތްވަރު ދެމުން: އިސްގާޒީ މާހިރު

އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި ކައިވެނި ރޫޅާލުމަށް ހިތްވަރު ދެމުން އަންނަކަން ކަމަށް ފާހަގަކުރެވޭ ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އިސް ގާޒީ އިބްރާހީމް މާހިރު ނެރުއްވި ހިތާބެއްގައި ވަނީ އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި އާއިލާތައް ރޫޅާލުމަށް ހިތްވަރު ދިނުމުގެ ސަބަބުން އެތަކެއް އަންހެނުންތަކެއް ނިކަމެތިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ތުއްތު ކުދިން އެކުދިންގެ ހައްގުތަކުން މަހްރޫމުވުމަށް މަގުފަހި ކުރުވާ ކަމަށް ވިދާޅުވި އެވެ.

"މިފަހަކަށް އައިސް ފާހަގަވާ އަނެއް ކަމަކީ އަންހެނުންގެ ހައްގުތައް ހޯދައި ދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރު ދެވޭ ކަމެވެ. މައްސަލަތައް ހައްލުކޮށް ދަރިންނާ އެކު އުފާވެރި އާއިލީ ވެށްޓެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގަ އެވެ." އިސް ގާޒީގެ ހިތާބުގައިވެ އެވެ.

އިސް ގާޒީގެ ހިތާބުގައި ވަނީ ޒަވާޖީ ހަޔާތަށް އަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އިސް ގާޒީ ވަނީ ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ގިނަ ފަހަރު ކައިވެނިތައް ރޫޅެނީ ވަރަށް ކުދިކުދި މައްސަލަތައް ހައްލު ނުވެގެން ކަމަށް އިސް ގާޒީގެ ހިތާބުގައިވެ އެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ދެފަރާތުން ވެސް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާތީކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން އަނބިމީހާ ކިޔަމަންތެރި ނުވާތީ ކަމަށް ބުނެ އެ މީހުން ވަރިކުރަން ފިރިހެނުން ބޭނުންވާއިރު, އަނބިން ވަރިވާން ބޭނުންވަނީ ފިރިމީހާގެ އަޅާލުންތެރިކަން ނުލިބޭތީ ކަމަށް އެ މީހުން ބުނާ ކަމަށް ވެސް އިސް ގާޒީގެ ހިތާބުގައިވެ އެވެ.

އިސް ގާޒީގެ ހިތާބުގައިވަނީ އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަތައް އަހާނެ ކަންފަތެއްނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ "ހައްގު" ޝަކުވާއެއް ކަމަށެވެ. އަދި ފިރިމީހާގެ ބަސް ގަބޫލު ކުރުމަކީ އަޅުވެތިވުން ނޫން ކަމަށާއި އަދި އަނބިމީހާއަށް ވަގުތު ދިނުމަކީ އަނބި ދަށުވުން ކަމަށް ނުބެލުމަށް ވެސް އިސް ގާޒީ އިލްތިމާސް ކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *