ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމަށް ބޭނުންވާ ސާވޭގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ކުޅިވަރާބެހޭ އިދާރާއާއި އެދިރާއާއި ގުޅުންހުރި މުވައްސަސާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ތައްޔާރު ކުރާ ދުރުރާސްތާ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި މިހާރު މަޝްވަރާ ކުރަމުން ދާ ކަމުގައެވެ.
އެގޮތުން މިހާރު އެކި ކުޅިވަރު އެސޯސިއޭޝަންތަކާއި ވަކި ވަކިން ބައްދަލުކޮށް މި ޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ސާރވޭއެއް މިހާރު ކުރިޔަށްދާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިމްގެ ބައްދަލުވުމުގައި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ވިދާޅުވީ މި ދުރުރާސްތާ ޕްލޭނަށް ބޭނުންވާ އޮނިގަނޑާއި އަދި ސިޔާސަތުތައްވެސް މިހާރު އެކުލަވާލާފައިވާ ކަމުގައެވެ. ތަލާލު ވިދާޅުވީ މި ޕްލޭނަކީ ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން އެކުލަވާލާ ޕްލޭނެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ