ރަޝިއާގެ ރައީސް ލާމިރު ޕުޓުން އެގައުމުގެ ޑިފެންސް މިނިސްޓަރަކަށް އާ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ރަޝިއާގެ މިހާރުގެ މިނިސްޓަރު ސަރްގޭ ޝޮއިގޫގެ ބަދަލުގައި ޑިފެންސް މިނިސްޓަރުގެ މަގާމަށް ރައީސް ލަޑިމިއާ ޕޫޓިން އަންދްރޭ ބެލޫސޮވް އައްޔަން ކުރައްވާފައިވާ ކަމަށް ކްރެމްލިން އިންވަނީ ބުނެފަ އެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ ރަޝިއާ ފެޑެރޭޝަންގެ ޑިފެންސް މިނިސްޓަރުގެ މަގާމުން ސަރްގޭ ޝޮއިގޫ ވަކިކުރީ ރިޔާސީ ގަރާރަކުން ކަމަށާއި ރަޝިއާ ފެޑެރޭޝަންގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމަށް ރަޝިއާ ފެޑެރޭޝަންގެ ރައީސް ގެ ގަރާރަކުން ވެސް އޭނާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އަދި ރަޝިއާފެޑެރޭޝަންގެ މިލިޓަރީ-އިންޑަސްޓްރިއަލް ކޮމިޝަންގައި ޕޫޓިންގެ ޑެޕިއުޓީގެ މަގާމުގައި ވެސް ޝޯއިގޫ ހުންނާނެ ކަމަށް ޕެސްކޯވް ވިދާޅުވި އެވެ.
ރަޝިއާގެ އިސްމަގާމްތަކަށް މި ގެނައި ބަދަލުގެ ތެރޭގައި އެގައުމުގެ ސަލާމަތީ މަޖިލީހުގެ ކުރީގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝޭވް މަގާމުން ދުރުކޮށްފައިވާ އިރު، އޭނާ އެމަގާމުން ވަކިކޮށްފައިވަނީ "އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ސަބަބުން" ކަމަށްވެސް ޕެސްކޯވް ވިދާޅުވި އެވެ.
ރަޝިއާގެ އާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވި ބެލޫސޮވް މީގެ ކުރިން ހުންނެވީ ބޮޑުވަޒީރުގެ ފުރަތަމަ ނައިބުގެ މަގާމުގަ އެވެ.
ރަޝިއާގެ އިސް ބައެއް މަގާމްތަކަށް އާ ބޭފުޅުން ހަމަޖައްސަވާފައިވަނީ މިވަނީ 5 ޓާމަކަށް ޕުޓީން އެގައުމުގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އަދި އެގައުމުން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައަށް 2 އަހަރުވަސް ވެގެން ގޮސްފައި ވަނިކޮށެވެ.