ކޯވިޑް-19އާއި ގުޅިގެން ބަންދުކުރި ރިސޯޓްތައް ހުޅުވުމުން ފަތުރުވެރިން އައިސް ފުރިއްޖެކަމަށާއި، ކުޑަކުރި ރިސޯޓް މުވައްޒަފުންގެ މުސާރަ ބޮޑުވާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ކޯވިޑާއި ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލި ފަހުން، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކު އެވްރެޖުކޮށް 4000 ވުރެ ގިނަ ފަތުރުވެރިން އަންނައިރު މިއީ ކޯވިޑް-19ގެ ކުރިންވެސް ކޮންމެ ދުވަހަކު އެވްރެޖުކޮށް ފަތުރުވެރިން އަންނަ ޢަދަދެވެ. މީގެ އިތުރުން ކޯވިޑާއި ގުޅިގެން ބަންދުކުރި އެތައް ރިސޯޓެއް މިހާރު ހުޅުވާފައިވާއިރު، ބޮންޑެ ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އައިސް ފުރާލާފައިވާއިރު ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ދޫކުރަންވެއްޖެކަމަށެވެ.
ރިސޯޓުތައްފުރިބާރުވެ ސްޓޮޕް ސޭލްވަނީ އަޅުވާފައެވެ.! ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އައުޓުފްލޯ އިސްކުރުތައް ދޫކުރާން ޖެއެވެ! ރިސޯޓު މުވައްޒިފުންގެ ކުޑަކުރި މުސާރަތައް ބޮޑުވާންޖެހެއެވެ.! ވަކިކުރި ވަޒީފާއެއް އަނބުރާ ދޭންޖެހޭނެއެވެ!
– މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 27 ވަނަ ދުވަހުއެވެ.
އޭގެ 110 ދުވަސްފަހުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކާއި ފަތުރުވެރިންގެ ޢަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލުމަށްފަހު އެއްލައްކަ ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒު މިމަހުގެ 12 ވަނަ ދުވަހު ޙާޞިލުކޮށްފައިވާއިރު، މުޅި އަހަރަށް 5 ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒު އޭގެ 5 ދުވަސްފަހުން މިމަހުގެ 17 ވަނަ ދުވަހު ވަނީ ޙާޞިލުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 122،245 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން މިމަހުގެ 18 އާއި ހަމައަށް ޖުމްލަ 505،092 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ރަޝިއާ، އިޓަލީ، އިންޑިއާ، އިނގިރޭސިވިލާތް، އަދި ޗައިނާ ހިމެނެއެވެ.
ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވުނު ލުއިތަކާއެކު ޓޫރިސްޓް އެކޮމަޑޭޝަން ފެސިލިޓީތަކުގެ ގޮތުގައި މިހާރު 458 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އޭގެ ތެރޭގައި 138 ރިސޯޓަކާއި، 9 ހޮޓަލާއި، 129 ސަފާރީއެއްގެ އިތުރުން 182 ގެސްޓް ހައުސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ