ރިސޯޓު ތަރައްގީރުމަށް، ގާފަރުފަޅުން 16 ރަށް ހިއްކުމުގެ އެއްބަަސްވުމެއްގައި ސޮއިކޮށްފި

ރިސޯޓު ތަރައްގީރުމަށް، ގާފަރުފަޅުން 16 ރަށް ހިއްކުމުގެ އެއްބަަސްވުމެއްގައި ސޮއިކޮށްފި

Author
ހުސެއިން
08 މެއި 2024 10:18
0

ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ހިންގުމަށްޓަކައި ގާފަރުފަޅުން 16 ރަށް ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ދިވެހި ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމް.އެފް.އެމް.ސީއިން ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ ކޮންޓްރެކްޓް ހަވާލުކުރީ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

މި އެއްބަސްވުމުގެ ދަށުން ކ.އަތޮޅު ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި 2 ލަގްޒަރީ ރިސޯޓު ތަރައްޤީކުރުމަށް ޖުމްލަ 16 ރަށް ހިއްކިގެން ދާނެއެވެ. އަދި މީގެ އިތުރުން، ކ.ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކިގެން ދާނެއެވެ. ޖުމްލަ 106.91 ހެކްޓަރު (1،069،100 އަކަމީޓަރ) ގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކ.އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ ފުރަތަމަ މަޝްރޫޢުއެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 (ތިރީސް ހަ މިލިޔަން ފަސް ސަތޭކަ ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓު ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ޚަރަދު ވާނެއެވެ. އަދި މީގެތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 (ތިން މިލިޔަން ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ދޭއް) ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 (ހަތެއް ޕޮއިންޓު އަށެށް) ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 (ނަވާވީސް މިލިޔަން ދުއިސައްތަ ތިރީސް ދެ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރެއް) ޔޫ.އެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ. މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ހިނގާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

ގާފަރުފަޅުހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ކަމަށް ވުމާއި، އަދި އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެމް.އެފް.އެމް.ސީ އިން އެއްވެސް ފައިސާއެއްދައްކަން ނުޖެހުމާ އެކު، މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި، މި މަސައްކަތަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ކ.ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްޤީކުރުމަށް އެމް.އެފް.އެމް.ސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްޤީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަރ ޕްލޭން ނިމިފައި ވާ އިރު، މި މަޝްރޫޢު އަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫޢުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.