މިހިގާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ތާވަލު ކުރެވިފައިވާ ޖަލްސާތައް ނިމެން އެންމެ ހަފްތާއަކަށް ވެފައިވާއިރު، މަޖިލިހުގެ މިދައުރުގެ ގިނަ މަސައްކަތްތައް ނުނިމި ވާތީ، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މެންބަރުނާއި ކޮމިޓީތަކުގެ މުގައްރިރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
އޭނާ މިގޮތަށް އެދިވަޑައިގަތީ އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައެވެ.
އެހެންނަމަވެސް އިއްޔެގެ ޖަލްސާވެއް އަދި މިއަދުގެ ޖަލްސާވެސް ވަނީ ކޯރަމް ހަމަނުވެގެން ކުރިޔަށް ނުގެންދެވިފައެވެ.
އަސްލަމްވަނީ ކޮމިޓީތަކުގައި ބާކީ ހުރި މަސައްކަތްތަކުގެ ރިޕޯޓުތައް، އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު މެންބަރުންނާ ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދު މަޖިލީހުގެ ޖަލްސާވެސް އާންމުކޮށް ފަށާ ގަޑި ކަމުގައިވާ 9:00 ގައި ކޯރަމް ހަމަނުވާތީ މަޖިލީހުގެ ރައީސް ވަނީ 10:00 އަށް ޖަލްސާ ފެށުމަށް ނިންމަވާފައެވެ. ލައިވް އަލުން ފެށުމަށް އަސްލަމް ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މެންބަރުން ނެތުމުން ޖަލްސާ ނިންމާލާނީ އިތުރު އެއް ގަޑިއިރަށް ބެލުމަށް ފަހު ކަމަށެވެ.
ނަމަވެސް 11 ޖެހި ފަހުން ވެސް ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެންބަރުންނެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، އަންނަ ހޯމަ ދުވަހު ދެން އޮންނާނީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެވެ. މި ދައުރު ނިމެނީ މިމަހުގެ 15 ގައެވެ. ނަމަވެސް ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 13 ވަނަ ދުވަހާ ހަމައަށެވެ.