ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ ބަލި ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.
އިންމަ ބުނީ ސަސް އަކީ އާ ޓީމަކަށް ވީނަމަވެސް އެޓީމުގައި ތިބީ އާކުޅުންތެރިން ނޫންކަމަށެވެ. ތަޖުރިބާކާރު ކުޅުންތެރިންތަކަކާ އެކު ސަސްގެ އެކުލަވާލާފައި ވާއިރު އެޓީމު "އަންޑައެސްޓިމޭޓް" ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިންމަ ބުންޏެވެ. އެހެންވެ މިއަދުގެ މެޗުގައި ވާދަވެރި ކުޅުމެއް ފެންނާނެކަން އިންމަ ފާހަގަކުރިއެވެ.
އިންމަ ބުނީ ސަސް އަކީ ފުރަތަމަ ޑިވިޝަނަށް އާ ނަމެއް ކަމުގައި ވިޔަސް އެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ގައުމީ ޓީމުގެ ފުރަަތަމަ އެގާރައިގައި ކުޅެފައި ތިބި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެ ޓީމުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިން ވެސް ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަން އިންމަ ފާހަގަކުރިއެވެ.
އަންޑަ އެސްޓިމޭޓްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފުރަތަމަ މެޗުން އީގަލްސް އަތުން ފުލް ޕޮއިންޓްސް ހޯދާފައި އެ އޮތީ. އެއްވެސް ފުރުސަތެއް ނެތް އެ މީހުން އަންޑަ އެސްޓިމޭޓްކުރުމުގެ. އަޅުގަނޑުމެން ސަސް އަކީ ވަރުގަދަ ޓީމެއް ކަމަށް ދެކިގެން ނަތީޖާ ނެރެން ނުކުންނާނީ.
– އިންމަ ބުނެފައިވެއެވެ.
އިންމަ ބުނީ ސީޒަނަށް ތައްޔާރުވާން ކްލަބްތަކަށް ލިބުނީ ކުރު މުއްދަތެއްގެ ޕްރީ ސީޒަނެއް ކަމަށާއި އެ މުއްދަތަކީ ކްލަބްތަކަށް ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.
އަަބަދުވެސް އުއްމީދަކީ އެއްވަރެއްގައި ނަތީޖާތައް ހިފެހެއްޓުން. މިދިޔަ ސީޒަނުގައި ފުރަތަމަ ނަތީޖާތައް ރަނގަޅު އެކަމަކު ފަހުން އެހާ ރަނގަޅެއް ނޫން. އިރާދަކުރެއްވިއްޔާ މެނޭޖްމަންޓުން ވަރަށް ބޮޑަށް ވިސްނައި މިދިޔަ ސީޒަނުގައި އެ ދިމާވި ކަންތައްތައް މި ފަަހަރު ތަކުރާރު ނުވޭތޯ ބަލާނަން.
– އިންމަ ވަނީ ބުނެފައެވެ.
ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ މެޗުގައި 3-0 އިން ޓީސީ ބަލިކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ