ރާއްޖެ ސަރަހައްދަށް އިހުސާސްކުރެވޭ ފިނި ހޫނުމިން މިއަދު ހުރީ 40 ޑިގްރީ ސެލްސިއަސްގައި ކަަމަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް)ން ހާމަކޮށްފިއެވެ.
މިއަދު 11:00އާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް މެޓުން ވަނީ ހާމަކޮށްފައެވެ.
އެ ތަފްސީލުތަކުން ދައްކާ ގޮތުގައި، ހދ. ހަނިމާދޫގެ ފިނިހޫނު މިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 40.8 ގައެވެ. މާލެ ސަރަހައްދަށް ފިނިހޫނުމިން 33.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 46.0 ގައެވެ.
ލ.ކައްދޫ ފިނިހޫނުމިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.6 ގައެވެ. އައްޑޫ ސިޓީ ގަމުގައި ފިނިހޫނު މިން ހުރީ 32.1 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.5 ގައެވެ.
ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.2ގައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. ހޫނު މިންވަރު މިހާ މައްޗަށް ގޮސްފައިވަނީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވެސް ވެއެވެ.