ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުން މިއަދު (3 މެއި 2024) ނިއުދިއްލީގައި ބާއްވައިފިއެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ތަކުގެ މައްޗަށް މަޝްވަރާކޮށްފައިކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ތަރައްޤީއާއި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރިކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އޭގެ އިތުރުން އޭވިއޭޝަންގެ ތިން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި ސިފައިންގެ ބަދަލުގައި ސިވިލިއަނުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމާއި ގުޅުންހުރި ލޮޖިސްޓިކް ހުރިހާ އިންތިޒާމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ދެ ފަރާތުން ވެސް ހިތްހަމަޖެހުމާއެކު ފާހަގަކުރާކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރިން ބުނެފައި ވެއެވެ.
މީގެ އިތުރުން ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ޖޫން/ޖުލައި މަހުގެ ތެރޭގައި ދެފަރާތަށް އެއްބަސްވެވޭ ތާރީޚެއްގައި މާލޭގައި ބޭއްވުމަށް ވެސް ވަނީ އެއްބަސްވެފައެވެ.