ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް: އެމްޑީޕީ

ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް: އެމްޑީޕީ

ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމުގައި އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މިއަދު ފާހަގަ ކުރެވެމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާ އެކު އެ ޕާޓީން ކޮށްފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށާއޮ، އެ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީގެ ދެ ވެރިކަމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމުގައެވެ.

އެހެން ނަމަވެސް, މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު, ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން, ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ވަނީ ހުރަސް އަޅާފަ އެވެ.
ވަކިން ހާއްސަކޮށް, ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި, ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރާކަމުގައެވެ.

އޭގެ އިތުރުން, ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާކަން ފާހަގަކޮށް، މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބުނެފައިވަނީ ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެ ޕާޓީ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *