ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކަށް ލުއި ދީފައިވަނީ ރައީސް އެދިވަޑައިގެންނެވި ގޮތަކަށްނޫން، ހައްލުކުރަން ވަނީ އަނގާފަ: ހީނާ

ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކަށް ލުއި ދީފައިވަނީ ރައީސް އެދިވަޑައިގެންނެވި ގޮތަކަށްނޫން، ހައްލުކުރަން ވަނީ އަނގާފަ: ހީނާ

މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލާއި ފެންބިލުން ޑިސްކައިންޓް ދީފައިވަނީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ނޫންކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް  ކަމާއިބެހޭ ފަރާތްތަށް ރައީސް މުއިއްޒު އަންގަވާފައިވާކަމަށް، ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ ކަރަންޓު ބިލް ގޭބިސީތަކަށް ދިޔައިރު އާންމު މަސްތަކަށްވުރެ ބިލް ބޮޑު ކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ސަރުކާރުގެ ތަރުޖަމާން މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް ކަމަށާއި،  ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށްވެސް ހީނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޔުޓިލިޓީސް ބިލްތަކުން ޑިސްކައުންޓް ދީފައިވަނީ ރައީސް އެދިވަޑައިގެންނެވި ގޮތަށް ނޫންކަމަށް ސަރުކާރުން ބުނެފައިވާއިރު ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަހުގެ ކަރަންޓް ބިލަށްވެސް ސަރުކާރުން ވައުދުވި ރަމަޟާން މަހުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމުގައެވެ.

ސްޓެލްކޯއިން މިކަން އިއުލާން ކޮށްފައިވަނީ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުކަމަށް ބުނެ ކުރީގެ ބިލަށް ސަރުކާރުން ޑިސްކައުންޓެއް ދީފައި ވަނިކޮށް، މި މަހު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރަމަޟާން މަހު ކަރަންޓު ބޭނުން ކުރުމުން ޑިސްކައުންޓެއް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. އޭގެ މާނައަކީ މި މަހު ދޫކުރާ ކަރަންޓު ބިލަށް ޑިސްކައުންޓް ލިބޭނެ އެވެ.

އޭނާ ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް ފޮނުވާ ބިލްތަކަށް ޑިސްކައުންޓް ދިނުމަށްފަހު ވީހާވެސް އަވަހަކަށް ރިވައިޒްކޮށް ކުރުމަށްފަހު އަލުން ކަސްޓަމަރުންނަށް ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ.

ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ އަދި އޯގާތެރި ސިޔާސަތުތަކުގެ ދަށުން ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފަހުމީ ރޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެންމެ ހޫނު ގަދަ ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އަންނަ މަހުގެ ކަރަންޓު ބިލް ވެސް ބޮޑުވެދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *