ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި މަހުގެ ކަރަންޓް ބިލަށް ސަރުކާރުން ވައުދުވި ރަމަޟާން މަހުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމުގައެވެ.
ސްޓެލްކޯއިން މިކަން އިއުލާން ކޮށްފައިވަނީ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުކަމަށް ބުނެ ކުރީގެ ބިލަށް ސަރުކާރުން ޑިސްކައުންޓެއް ދީފައި ވަނިކޮށް، މި މަހު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރަމަޟާން މަހު ކަރަންޓު ބޭނުން ކުރުމުން ޑިސްކައުންޓެއް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. އޭގެ މާނައަކީ މި މަހު ދޫކުރާ ކަރަންޓު ބިލަށް ޑިސްކައުންޓް ލިބޭނެ އެވެ.
އޭނާ ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް ފޮނުވާ ބިލްތަކަށް ޑިސްކައުންޓް ދިނުމަށްފަހު ވީހާވެސް އަވަހަކަށް ރިވައިޒްކޮށް ކުރުމަށްފަހު އަލުން ކަސްޓަމަރުންނަށް ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ.
ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ އަދި އޯގާތެރި ސިޔާސަތުތަކުގެ ދަށުން ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ފަހުމީ ރޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެންމެ ހޫނު ގަދަ ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އަންނަ މަހުގެ ކަރަންޓު ބިލް ވެސް ބޮޑުވެދާނެ ކަމަށެވެ.