ސަރުކާރުން ހުޅުވާލި ސްޓޫޑެންޓް ލޯނަށް 1700 އަށްވުރެ ގިނަ ފަރާތަކުން ކުރިމަތި ލާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް 29 ފެބުރުވަރީ 2024 ގައި ހުޅުވާލި ފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިއަދު (2 މެއި 2024) 13:30 އަށް ހަމަވެފައިވާ ކަމަށެވެ.
އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 1709 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ބުނެފައިވަނީ ދެން ކުރިޔަށްދާނީ އެ 1709 އެޕްލިކޭޝަން ފޯމު ބަލައި ޗެކުރުމުގެ މަސައްކަތް ކަމުގައެވެ.
މި ހަފްތާގައި ބޭއްވުނު އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މާރިޔާ ވިދާލުވީ ސްޓޫޑަންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.
"އަހާ" ފޯރަމްގައި ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.
އެގޮތުން ސްޓޫޑެންޓް ލޯނަށް މި ފަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މިވަގުތު އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ކުރިއަށް، އަދި އިތުރުވެސް ކޮށްފިން އަޅުގަނޑުމެން އެއީ ދޭއް މެއިއަކީ އެންމެ ފަހު އެޕްލިކޭޝަން ލެވޭނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތުހަމަވާނަމަ ހުރިހާ ކުދިންނަށް ލޯނު ދެއްވުން.
ވަޒީރު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް ކުރިމަތިލުމަށް ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ މި ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ.