ސަރުކާރުގެ ވުޒާރާތަކުން މަހަކު އެއްފަހަރު ޕްރެސް ކޮންފަރެންސް ބައްވާނެ: ހީނާ

ސަރުކާރުގެ ވުޒާރާތަކުން މަހަކު އެއްފަހަރު ޕްރެސް ކޮންފަރެންސް ބައްވާނެ: ހީނާ

Author
ހުސެއިން
02 މެއި 2024 04:23
0

ސަރުކާރުގެ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމު ރައްޔިތުންނަށާއި މީޑިއާތަކަށް ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކުންވެސް މަދުވެގެން މަހަކު އެއްފަހަރު ޕްރެސް ކޮންފަރެންސް ބާއްވާނެކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އެގޮތުން ސިޓީތަކާއި ކައުންސިލްތަކާބެހޭ ވުޒާރާއިން ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެ ކަމަށް ހީނާ ވިދާޅުވެފައި ވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މިހާތަނަށް ތަރުޖަމާނުންގެ ގޮތުގައި ތަފާތު ބޭއްފުޅުން ވަނީ ހަމަޖައްސާވަފައެވެ. އެގޮތުން މިހާރުގެ ތަރުޖަމާން ހީނާ ވަލީދުގެ ކުރިން ތަރުޖަމާނެއްގެ މަގާމް އަދާކުރެއްވީ ކުރީގެ ނޫސްވެރިޔާ ޝަހީބުއެވެ. އެހެންނަމަވެސް އޭނާ މަގާމަށް އައްޔަން ކުރިތާ މަދު ދުވަސްކޮޅެއްފަހުން އޭނާ ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވާފައެވެ.

އެއަށްފަހު ސަރުކާރުގެ ތަރުޖަމާނަކު ނެތި ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ހީނާ ވަލީދު ތަރުޖަމާނަކަށް ހަމަޖައްސަވާފައިވަނީ ފާއިތުވި މަޖިލިސް އިންތިޚާބަށް ފަހުއެވެ. އަދި ހީނާ ވިދާޅުވެފައިވަނީ ކޮންމެ ހަފްތާއަކުވެސް ރައީސް އޮފީހުން ދެން ޕްރެސް ބްރީފިންތައް ބާއްވަމުން ގެންދަވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.