ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށްފަހު ކުރީގެ ރައީސް ޔާމިންގެ އަޑު ކެނޑިއްޖެކަަމަށް ގިނބަޔަކު ފާހަގަކުރަން ފަށައިފިއެވެ.
ގިނަބަޔަކު އެކަން ފާހަގަކުރަން ފަށާފައިވަނީ، މަޖިލިސް އިންތިޚާބުގެ ކުރިން ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ޕާޓީގެ ޖަލްސާތައް ބައްވާ މީޑިއާތަކަށް އެކި މައުލޫމާތު ފޯރުކޮށް ދެއްވަމުން ގެންދެވި، ޔާމިން އިސްވެ ހުންނަވައިގެންވެސް އަދި ޔާމިން އަލަށް އުފެއްދެވި ޕާޓީންވެސް މިހާތަނަށް މަޖިލިސް އިންތިޚާބަށްފަހު އެއްވެސް ހަރަކާތެއް ބާއްވާފައި ނުވާތީއެވެ.
ފާއިތުވި މަޖިލިސް އިންތިޚާބަށްފަހު 2 ހަފްތާ ފާއިތުވެގެންދާއިރުވެސް، ޔާމިންގެ އެއްވެސް ޚަބަރެއް މީޑިއާތަކުން އައިސްފައެއް ނުވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި މެމްބަރުންގެ ތެރޭގައި ޔާމިން ތާއީދުކުރެއްވި އެއްވެސް މެމްބަރަކު ހިމެނިގެން ގޮސްފައެއް ނުވެއެވެ. އަދި ކުރީގެ ރައީސުން ނިސްބަތްވާ ޕާޓީތަކުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ އެއްވެސް މެމްބަރަކުވެސް މަޖިލީހަށް އިންތިޚާބު ވެފައެއް ނުވެއެވެ.
އެހެންނަމަވެސް އެޕާޓީންވެސް 39 ދާއިރާއަކަށް ވާދަކޮށްފައި ވެއެވެ. އަދި ރައީސް ޔާމިންގެ ތާއީދާއެކީވެސް ގިނަ ދާއިރާތަކަކަށް މެމްބަރުން ވާދަކޮށްފައި ވެއެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގެ ދެ ދެދުވަސްކުރިން ޔާމިން ޖަލުން މިނިވަން ވެފައިވާއިރު، އޭގެ ކުރިންވެސް ޔާމިން ގެންދެވީ އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ އޮފީހުގައި ސިޔާސީ ޖަލްސާތައް ބާއްވާ، ސިޔާސީ ވާހަކަތައް ދައްކަވަމުންނެވެ. އޭގެ ތެރޭގައި ޔާމިން ގިނައިން ދައްކަވާފައިވާ ވާހަކަފުޅު ތަކުގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި ވަކީން ޚާއްސަކޮށް ފާއިތުވި މަޖިލިސް އިންތިޚާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ގޮނޑިތައް ލިބުނަ ނުދިނުމަށް ޔާމިންގެ ކެމްޕޭން ކުރައްވާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް ފަހަކަށް އައިސް ޔާމިންގެ އަރިހުގައި ތިއްބެވި ގިނަ ބަޔަކުވަނީ ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގެންނެވި ބޭފުޅަކީ ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒްއެވެ. އޭނާ ހަމަޖައްސަވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ޔާމީން އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަންއިން ރަޖިސްޓްރީކޮށްދީފައިވަނީ ފާއިތުވި މޭމަހުގެ 25 ވަނަ ދުވަހުއެވެ.
ޕީއެންއެފް އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވި އިރު، ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައެވެ. އޭރުގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ކްރިމިނަލް ކޯޓުން ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މަޖިލިސް އިންތިޚާބުގެ ދެ ދުވަސްކުރުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.