މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ގޮވާލައިފިއެވެ.
މިއަދު ފާހަގަ ކުރެވެމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްޓީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހަނދާން އާކުރަންވީ އެއްކަމަކީ, ދިވެހިރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން ކަމުގައެވެ. އަދި މިއަދާއި ހަމައަށްވެސް މި ސަގާފަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.
އަދި މަސައްކަތްތެރިންނަށް މިގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށް ދިނުމުގެ މަގުސަދުގައި، ނިމިދިޔަ ސަރުކާރުން މަސައްކަތްތެރިންނަށް ލިބިދެވޭނެ އެންމެ ކުޑަ އުޖޫރައެއް އެކަށައެޅިނަމަވެސް، މިގެނައި ބަދަލުންވެސް އެންމެ އެކަށީގެންވާ ހެޔޮބަދަލު، މަސައްކަތްތެރިންގެ ހާލަަތަށް އައިސްފައި ނުވާކަން ފާހަގަކޮށް، އެމްޓީއޭގެ ބަޔާނުގައި ބުނެފައިވަނީ، މަސައްކަތްތެރިންގެ ހާލަތު ރަގަޅު ކުރުމަށް ގެނެވުނު މިމުހިން ގާނޫނީ ބަދަލު އެންމެ އަކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާކަމުގައެވެ.
އެގޮތުން، ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް، ބޮޑު މުސާރާގައި (ބައެއް އޮފީސްތަކުގެ ވެރީންގެ ގޮތުގައިވެސް) ބިދޭސީން މަސައްކަތް ކުރަމުންދާ ދިއުމާއި، ރިސޯޓުތަކުގައި މަސައްކުރަމުންދާ އެތައްހާސް މުވައްޒިފުންގެ ކެއުމާއި، ބުއިމާއި، އެކަމަޑޭޝަނާއި، އެމީހުންނަށް ސާވިސް ޗާރޖު ލިބިދިނުންފަދަ އެތައް ކަމެއްގައި އަދިވެސް ބޮޑެތި އިހުމާލްތައް ހުރިކަމުގެ ޝަކުވާތައް އިންތިހާގައި ހުރިޖަން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ. އަދި ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކަށް އެފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާވަރުގެ ބޮޑުތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން, އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާކަންވެސް އެމްޓީއޭއިން ފާހަގަ ކޮށްފައިވެއެވެ.
އެމްޓީއޭއިން ވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަށްކޮށްދީ, މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި, ވަޒީފާ ދޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.
މިއަދަކީ ބައިނަލްއަގުވާމީގޮތުން ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހެވެ. ބައިނަލްއަގުވާމީގޮތުން, މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ, ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިން ދައުރާއި, ވާ މަތިވެރި ގުރުބާނީތަކުގެ އަގުވަޒަންކޮށް, މަސައްކަތްތެރިންގެ ހަގުތަކަށް ވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުމެވެ. މަސައްކަތްތެރިންގެ ހައްގުގައި އެދުވަހު އަޑު އުފުލުމެވެ.