ރޭ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް މޮޅުވެ ތާވަލުގެ ކުރީގައި ތިންޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އެތުލިޓިކޯ މެޑްރިޑު މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި އެލްޗޭއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗުގައި އެތުލިޓިކޯއަށް ލުއިސް ސުއަރޭޒް ދެލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ ޑިއޭގޯ ކޯސްޓާއެވެ. ރޭގެ މެޗުގައި ފުރަތަމަ ދެ ލަނޑުޖަހަން އެހީތެރިވެދިން އެތުލެޓިކޯގެ ކޮރްރެއާ އާއި ޓްރިޕާ މި ދެކުޅުންތެރިން އެކުވެގެން ވަނީ އެންމެފަހުން ލަލީގާގައި އެތުލެޓިކޯއިން ޖެހި 10 ލަނޑުގެ ތެރެއިން 7 ލަނޑުޖެހުމުގައި އެހީތެރިވެފައެވެ.
މެޗުގައި އެލްޗޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިނީ ލޫކާސް ބޯއީއޭއެވެ. އޭނާ ވެފައިވަނީ އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯ ދަނޑުގައި މި ސީޒަނުގައި ލަނޑުޖެހި އާޖެންޓީނާގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ރޭގަ މެޗުގައި ދެލަނޑު ޖެހި ސުއަރޭޒް ވަނީ ލަލީގައި 200 މެޗު ހަމަކޮށްފައެވެ. އެއީ އެތުލިޓިކޯއަށް ކުޅުނު 9 މެޗާއި ބާސެލޯނާއަށް ކުޅުނު 191 މެޗެވެ. ރޭގެ މެޗުގައި އެތުލެޓިކޯ ކެޕްޓަން ކޮކޭ ވަނީ 197 މެޗު ހަމަކޮށް ކުލަބުގެ ތާރީހުގެ އެންމެ ގިނަމެޗު ކުޅުމުގެ ޝަރަފު ހޯދާފައެވެ.
ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެވެންތޭ ވަނީ ތާވަލުގެ ކުރީގައި އޮތް ރެއާލް ސޮސެއިޑާޑް 2-1 ލަނޑުން ބަލިކޮށްފައެވެ. ވިލަރެއާލް ވަނީ އޮސެސޫނާ އަތުން 3-1 ލަނޑުން މޮޅެވެފައެވެ. ސެވިއްޔާ ވަނީ ރެއާލް ވަލަޑޮލިޑްއާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވެފައެވެ.
ރޭގެ ނަތީޖާ ތަކާއެކު އެތުލެޓިކޯ އެއްވަނައިގަ އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ސޮސެއިޑާޑް ދެވަނައިގަ އޮތީ 15 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ވިޔަރެއާލް ހަތަރުވަނައިގަ އޮތީ 14 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ 6 ވަނައިގަ އޮތީ ބާސެލޯނާއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން 20 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ