މިނިސްޓަރ ޢިމްރާން ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރާ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފި

މިނިސްޓަރ ޢިމްރާން ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރާ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފި

Author
މުޙައްމަދު ޖިމީ
20 ޑިސެމްބަރ 2020 10:32
0

ހޯމް މިނިސްޓަރު ޝައިޚް ޢިމާރްނ ޢަބްދުﷲގެ ފަރާތުން ޖިންސީ އަނިޔާ ލިބުނުކަމަށް ތުހުމަތުކުރާ އަންހެން މީހާ، ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ.

ފުލުހުންގެ ސިވިލް ވަޒީފާއެއް އަދާކުރަމުން އައި އެ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ސީދާ އެމައްސަލާގައިކަން ސާފު ނުވިނަމަވެސް، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މަގުމަތީ ހިންގަވާފައިދަނިކޮށް، މިމަހުގެ 9 ވަނަ ދުވަހު އެމަނިކުފާނުގެ ފަހަތުން އެ އަންހެންމީހާ ވަނީ ސައިކަލުގައި ދަމުން މިނިސްޓަރު ޢިމްރާން އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދައުރުކޮށްފައިވާއިރު، ގިނަ ބަޔަކު މިނިސްޓަރ ޢިމްރާނަށް ވަރަށް ބޮޑަށް އަމާޒުކޮށްފައިވެއެވެ.

މިމައްސަލާގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި އަންހެން މީހާއަކީ ސިވިލް ވަޒީފާގައި ގިނަ ދުވަސްތަކެއްވެފައިވާ މީހެކެވެ.އެ އަންހެންމީހާ ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގެ 107 ވަނަ މާއްދާގެ (ހ)އާއި ޚިލާފުވެފައިވާތީކަމަށް ބުނެއެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެ އަންހެން މީހާގެ މައްސަލަ ބެލި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށާއި، އިސްތިއުނާފްގެ މުއްދަތު ހަމަވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށެވެ.

މިނިސްޓަރ އިމްރާންގެ ފަރާތުން ޖިންސީ ގޮނާ ލިބުނުކަމަށް ބުނާ މިމައްސަލައިގެ އިތުރުންވެސް، މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް މީގެ ކުރިން މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.