ޖަރުމަން ލީގުގައި ޔޫނިއަން ބާލިން އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް ބަލިވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނިޓުގައި ޔޫނިއަން ބާލިނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓައިވޯ އަވަނިޔީއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔޫސޫފާ މޯކޯކޯ ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއާއެކު އުމުރުން 16 އަހަރުގެ މޯކޯކޯ ވަނީ ޖަރުމަން ލީގުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޑޯޓްމުންޑުން ނަތީޖާ އެއްވަރުކޮށްފައި ވަނިކޮށް، މި މެޗުން ޔޫނިއަން ބާލިން މޮޅުވީ، މެޗުގެ 78 ވަނަ މިނެޓުގައި މާވިން ފްރީޑްރިކް ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުން ޑޯޓްމުންޑް ބަލިވިއިރު، މިއީ އެ ޓީމުގެ ވަގުތީ ކޯޗު އެޑިން ޓާޒިޗުގެ އިރުޝާދުގެ ދަށުން ކުޅެ ބަލިވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޑޯޓްމުންޑް ވަނީ ވާޑާ ބްރެމެން އަތުން 2-1 ން މޮޅުވެފައެވެ. މިމެޗުން ޑޯޓްމުންޑް ބަލިވިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 22 ޕޮއިންޓާއެކުއެވެ. ޑޯޓްމުންޑުގެ ފަހަތުގައި ފަސްވަނާގައި ޔޫނިއަން ބާލިން އޮތީ 13 މެޗުން 21 ޕޮއިންޓާއެކުއެވެ.
ޔޫނިއަން ބާލިނުން މިދިޔަ ހަފުތާގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެއްވަރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ