އއ. ރަސްދޫ މިސްކިތުގެ ފާާހާނާތެރޭގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި، އެކަމުގައި ޝާމިލްވި އެއް ކުއްޖެއްގެ އާއިލާއިން މާފަށް އެދެފި އެވެ.
އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާ ކުރި ދެ ކުޑަކުދިންނަށް އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް، މި މައްސަލާގައި ހިމެނޭ 14 އަހަރުގެ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން މާފަށް އެދި ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓުގައި ބުނީ އެ ކުއްޖާގެ އަމަލު އާއިލާއިން ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށާއި، އަދި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. ހަމަ އެއާއެކު އަނިޔާވި ކުއްޖާއަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ އެކަމާ އެ އާއިލާއިން ހިތާމަ ކުރާކަމަށްވެސް ބުނެފައި ވެއެވެ.
އަދި ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ، އަނިޔާ ލިބުނު ކުއްޖާ އާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އއ. ރަސްދޫގެ މިސްކިތއްގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖަކަށް، ގަނާ ކުރި މައްސަލަ ބެލުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.
އާންމު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެމީހަކުވެގެން މިސްކިތެއްގެ ތެރޭގައި، ކުޑަކުއްޖަކަށް، ތަރާވީސް ނަމާދު ކުރަމުންދަނިކޮށް، މިސްކިތުގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖާ ގަނާކޮށް، އިންޒާރުދީ އަނިޔާ ކުރަމުންދާ މަންޒަރެވެ. އަދި ވަރަށް ރަހުމު ކުޑަކޮށް ކުޑަކުއްޖާއާ ދޭތެރޭ އަމަލުކޮށްފައިވާތަންވެސް ވީޑިއޯއިން ފެންނަން ހުރެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާ ކަމުގައެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓިގައިވެސް ދަނީ ބަލަމުންނެވެ.