ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް އެދިއްޖެއެވެ.
ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީ އަށް ހުށަނޭޅެނެއެވެ. އެހެންވެ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީން މިނިވަން ކުރުމުގެ ވައުދުގެ މަތީގައި ދެމި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެހެންވެ، ޔާމީންގެ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް އެދި ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައި ވާނެ ކަމުގައި މަލީހު ވިދާޅުވިއެވެ.
"ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން މިއަދު ވާނީ ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުން," މަލީހު ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ކޮންމެ ރެއަކުހެން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.