1445 ވަނަ އަހަރު މާލޭ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި ކުރާގޮތަށް ހަމަޖައްސާ، އޭގެ ތެރޭގައި ހުޅުމާލޭ ފޭސް 1 އަދި 2 ވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިމަނައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މޫސުން ތަން ދޭނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 1445 އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ، މާލޭގައި މާފަންނު ސްޓޭޑިއަމް، ވިލިމާލޭގައި ފުޓްބޯޅަ ދަނޑު އަދި ހުޅުމާލެ ސިންތަޓިކް ޓްރެކާއި، ހުޅުމާލެ ފޭސް2ގެ ކްރިކެޓް ސްޓޭޑިއަމްގައި ކަމުގައެވެ. އޭގެ އިތުރުން އިސްލާމީ މަރްކަޒާއި، މަރުކަޒުގެ ސަރަޙައްދު އަދި ކިންގް ސަލްމާން މިސްކިތާއި، އެމިސްކިތުގެ ސަރަހައްދުގައި ވެސް އީދު ނަމާދު ކުރާގޮތަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައެވެ.
ޢީދު ނަމާދަށް ދާއިރު ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި:
- – ގެއިން ވުޟޫކޮށްގެން އައުން.
- – އަމިއްލަ މުސައްލައެއް ގެންދިއުން
- – އަމިއްލަ ފެންފުޅިއެއް ގެންދިއުން.
- – ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).
އިސްލާމިކް މިނިސްޓްރީން ދަނީ މިއަހަރުގެ އީދު ނަމާދުކުރާ ގަޑި ހެނދުނު 7:00 އަށް އަވަސް ކުރުމަށް މަޝްވަރާތައް ކުރިޔަށް ގެންދެމުންނެވެ.