ފިތުރު ޒަކާތުގެ ގޮތުގައި 4 މިލިިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި 4 މިލިިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ގުޅުންހުރި

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4،499،433ރ. ލިބިފައިވެއެވެ. އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. ދެއްކިއެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ދެއްކީ ރަތް ހަނޑުލަށެވެ. ރަތް ހަނޑުލަށް 740 މީހުން 59،200ރ. ދެއްކިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ސާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ. ފައިސާގެ އިތުރުން ގޮވާމުން ވެސް ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ގޮވާމުން ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ވަނީ ފަށައިފައެވެ.

ފައިސާ އިން ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެއެވެ. އެގޮތުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެއެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ