:الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد
ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ. އެކަލާނގެ ކަމަކަށް އިރާދަ ކުރެއްވުމުން "ވާށޭ" ވަޙީ ކުރެއްވުމުން އެކަމެއް ވެދެއެވެ. އެހެންކަމުން، އެކަމެއް ﷲ އިރާދަ ކުރެއްވި ގޮތަކަށް އިރާދަ ކުރެއްވި ވަގުތެއްގައި ވެދެއެވެ. މިކަން ދޭހަވާ އާޔަތްތައް ކީރިތި ގުރްއާނުގެ އެކި ހިސާބުތަކުގައި ވާރިދުވެފައިވެއެވެ.
ސޫރަތުލް ބަގަރާގެ 117 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ) މާނައަކީ: "(އެކަލާނގެއީ) އިސްވެދިޔަ مثالއަކާނުލައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ކަމަކަށް ނިޔާ ކުރައްވައިފިނަމަ، އެކަމަކަށް وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ".
މި އާޔަތުގެ ތަފްސީރުގައި އަލްޙާފިޡް އިބްނު ކަޘީރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި މިވަނީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަކަން ބަޔާން ކުރައްވާފައެވެ. އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމަކަށް "ވާށޭ" ވަޙީ ކުރެއްވުމުން އެކަމެއް ވެދެއެވެ. ދެން އެކަމެއް އެކަލާނގެ އިރާދަ ކުރެއްވި ގޮތަކަށް އިރާދަ ކުރެއްވި ވަގުތެއްގައި ވެދެއެވެ. ސޫރަތު ޔާސީންގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ) މާނައަކީ: "އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފިނަމަ، އެކަލާނގެ أمرފުޅު ވާކަންކަށަވަރީ އެކަމަކަށް، [ވާށޭ] وحىކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ".
ސޫރަތު އާލުޢިމްރާންގެ 47 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَالَ كَذَٰلِكِ اللَّـهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ) މާނައަކީ: "އެ ملائكةއާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާ ކުރައްވައިފިނަމަ އެކަމަކަށް وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް ވެދެއެވެ".
ސޫރަތު ޣާފިރުގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ) މާނައަކީ: "އެކަލާނގެއީ، ދިރުއްވައި، އަދި މަރުގަންނަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ކަމަކަށް ނިޔާ ކުރައްވައިފިނަމަ ފަހެ، އެކަމަކަށް وحىކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ. ދެން އެކަމެއް ވެދެތެވެ".
ސޫރަތުލް ގަމަރުގެ 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ) މާނައަކީ: "އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފި ޔަޖަހައިލުން ފަދައިންނެވެ".
މި ނޫންވެސް ކިތަންމެ އާޔަތެއްގައި މާތް ﷲ ގެ ކުޅަދުންވަންތަކަން ބަޔާން ކުރައްވާފައިވެއެވެ. މި ހިސާބުން އުފެދޭ ސުވާލަކީ މާތް ﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހު ކަމަށްވީ ހިނދުގައިވެސް އުޑާއި ބިން ހަދުވަހުގެ ތެރޭގައި އުފެއްދެވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟
ފުރަތަމަ ކަމަކަށް: އުޑާއި ބިން ހައްދަވާފައިވަނީ ހަދުވަހުންކަން ކީރިތި ގުރްއާނުން ދޭހަވެއެވެ. ސޫރަތުލް އަޢްރާފްގެ 54 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ) މާނައަކީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّهއެވެ. އެއަށްފަހު، އެކަލާނގެعرشގެ މައްޗަށް استواءވެ ވޮޑިގެންވިއެވެ".
ދެވަނަ ކަމަކަށް: ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަނީ ޙިކްމަތްތެރި ކަމާއި އެކުގައެވެ. އެކަލާނގެއީ "ޙަކީމްވަންތަ" އިލާހެވެ. މި ޙިކްމަތްތައް އަޅުގަޑުމެން އިންސާނުންގެ ސިކުނޑި އަށް ވިސްނިވެސް ދާނެއެވެ. އަނެއްބައި ޙިކްމަތްތައް އަޅުގަޑުމެންނަށް ނުވިސްނިވެސް ހިނގައިދާނެއެވެ. އަޅުގަޑުމެންނަށް އެކަމެއްގެ ޙިކްމަތަކީ ކޮބައިކަން ނޭނގުނު ނަމަވެސް އެކަމާ ކަންބޮޑުވެ ސުވާލު އުފައްދާ ހަދައިގެން ނުވާނެއެވެ. ސޫރަތުލް އަންބިޔާގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ) މާނައަކީ: "އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭ ހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ سؤال ކުރައްވާނެތެވެ".
އުޑުތަކާއި ބިން ހަދުވަހުގެ ތެރޭގައި އުފެއްދެވުމުގެ ޙިކްމަތްތައް ދެނެގަތުމަށް ޢިލްމުވެރިން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން:
އިމާމް ގުރްޠުބީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އުޑުތަކާއި ބިން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުފެއްދެވުމަށް އިރާދަ ކުރެއްވިނަމަވެސް އެކަން އެގޮތަށް ކުރެއްވީހެވެ. އެހެނީ، އެކަލާނގެ އީ ކޮންމެ ކަމަކަށްމެ ކުޅަދުން ވަންތަ އިލާހެވެ. އެހެންނަމަވެސް އެކަލާނގެ އިރާދަ ކުރެއްވީ އަޅުތަކުންނަށް ކަންކަމުގައި މަޑުމައިތިރި ވުމަށް ދަސްކޮށްދެއްވުމެވެ. އަދި މަލާއިކަތް ބޭކަލުންނަށް އެކަލާންގެ ކުޅަދުންވަންތަ ކަން ދައްކުވައި ދެއްވުމަށެވެ. އަދި ކޮންމެ ކަމަކީ ވެސް ވަކި އަޖަލެއް ނުވަތަ ވަގުތެއް ކަނޑައެޅިފައިވާ ކަމެއްކަން ބަޔާން ކޮށްދެއްވުމަށް ޓަކައެވެ. އެހެންކަމުން، އެކަލާންގެ އަށް އުރެދޭ އަޅުތަކުންގެ މައްޗަށް ކޯފާ އެއް ނުފޮނުއްވާ، އެކަލާންގެ އިރާދަ ކުރެއްވި މުއްދަތެއް ހަމަވަންދެން، މަޑު ކުރައްވަނީއެވެ.
އިބްނުލް ޖައުޒީ ރަޙިމަހުﷲ- އެކަލޭގެފާނުގެ ތަފްސީރު ކަމުގައިވާ "ޒާދުލް މަސީރު" ގައި ސޫރަތުލް އަޢްރާފްގެ 54 ވަނަ އާޔަތުގެ ތަފްސީރުގައި ލިޔުއްވާފައި ވެއެވެ.
"މީހަކު ބުނެފާނެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުޑުތަކާއި ބިން ނުހެއްދެވީ ކީއްވެބާއެވެ. އެކަލާންގެއީ އެކަމަށްމެ ކުޅަދުންވަންތަ އިލާހެވެ. މި ސުވާލުގެ ޖަވާބު ފަސްގޮތަކަށް ދެވިދާނެއެވެ.
ފުރަތަމަ ގޮތަކީ: ކޮންމެ ދުވަހެއްގައިވެސް މަލާއިކަތް ބޭކަލުންނަށް އެކަލާންގެ ކުޅަދުންވަންތަ ކަމާއި މަތިވެރި ކަމުގެ ތެރެއިން ކޮންމެވެސް ކަމެއް ދެއްކެވުމެވެ.
ދެވަނަ ގޮތަކީ: އާދަމް ޢަލައިހިއް ސަލާމާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޓަކައި ތައްޔާރު ކުރެވިފައިވާ ތަންތަން ބަޔާން ކުރެއްވުމުގައި މަޑު ޖައްސަވާ ލެއްވުމަކީ މަލާއިކަތް ބޭކަލުންގެ އަރިހުގައި އެކަލާންގެ މަތިވެރި ކުރުމަށް އިތުރު ބާރަކަށް ވެދެއެވެ.
ތިންވަނަ ގޮތަކީ: އަވަހަށް ކުރެއްވުމަކީ ކުޅަދުންވަންތަކަން ދައްކާލުމުގައި މޮޅުއިތުރު ގޮތެވެ. ލަސްލަހުން ކުރުމަކީ ޙިކްމަތްތެރި ގޮތެވެ. އެހެންކަމުން އެކަލާންގެ ޙިކްމަތްވަންތަ ކަން އެންގެވުމުގެ ގޮތުން ހަދުވަހުން އުޑުތަކާއި ބިން ހެއްދެވީއެވެ.
ހަތަރުވަނަ ގޮތަކީ: ކަންކަން ކުރުމުގައި މަޑުމައިތިރި ވުމަށް އަޅުތަކުންނަށް އެންގެވުން، އެހެނީ އަވަސް އަރުވާލައިގެން ކުރުމަށްވުރެ މަޑުމައިތިރި ކަމާއި އެކުގައި ކުރުމުން ހެދޭ ގޯސްތައް މަދުވާނެތީވެއެވެ.
ފަސްވަނަ ގޮތަކީ: އެއްޗެއް އުފެއްދުމުގައި މަޑުމައިތިރި ވުމަކީ އެކަމަކީ އިއްތިފާގުން ވީ ކަމެއް ނޫންކަން އަންގައި ދިނުމުގައި ބޭނުންތެރި ގޮތަކަށް ވާނެތީވެއެވެ.
އަލްގާޟީ އަބުއްސުޢޫދު ވިދާޅުވެފައިވެއެވެ. "އުޑުތަކާއި ބިން ހަދުވަހުން ހެއްދެވުމުގެ ޙިކްމަތަކީ ކަންކަމުގައި އަވަސް އަރައި ނުގަތުމަށާއި މަޑުމައިތިރި ވުމަށް އަޅުތަކުންނަށް އެންގެވުމެވެ".
ކޮންމެ އަކަސް މިއީ ޢިލްމުވެރިންގެ އިޖްތިހާދުން ދައްކަވާފައިވާ ވާހަކަ ތަކެވެ. މިކަމުގެ ފޮރުވިފައިވާ ޙިކްމަތްތަކަކީ ކޮބައިކަން މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލައެވެ. އަޅުގަޑުމެން ގަބޫލުކުރަން ޖެހޭ ޙަގީގަތަކީ އެކަލާންގެ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ ޙިކްމަތްތެރި ކަމާއި އެކުގައި ކަމެވެ. އިންސާނުންނަށް އެކަން އެނގުނު ނަމަވެސް ނުވަތަ ނޭނގުނު ނަމަވެސް އެވެ.
واللهأعلم