ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަން ކުރެއްވުމަށް ފަހުގައި ވެރިކަމުން ފައިބާ ވަޑައިގަންނަވާ ބޭފުޅުން އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމް ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު އެގޮތަށް ވިދާޅުވެފައި ވަނީ ދިވެހި ރުފިޔާއާ އަޅާބަލާ އިރު ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެކަން އޮގޮތަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޔާމީނަށް ރައްދު ދެއްވައި ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
1/2. ޑޮލަރުގެ އަގުއަދިވެސްދާނީ ދަށަށް. އެކަންއެހެންވަނީ ރައީސް މުޢިއްޒުގެސަރުކާރުން އަޅުއްވަމުންގެންދަވާ ހަރުދަނާފިޔަވަޅުތަކުގެ ސަބަބުން. ހުއްޓިފައިވާއެތައް މަޝްރޫޢުތަކެއް އެދަނީ އެއްވެސްވެރިކަމެއްގައި މިހާކުރީކޮޅު ކުރިއަށްނުދާބާރުމިނުގައި ކުރިއަށް. https://t.co/jGa0noz4Ko
— Mohamed Saeed (@em_saeed) April 1, 2024
އަދި ހުއްޓިފައިވާ މަޝްރޫއުތައް އެ ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރު މިނުގައި ކަމަށް ސައީދު ވިދާޅުވިއެވެ.
"ގައުމުގެ މާލީ ހާލަތު އޮތީ މީގެކުރީން ވެރިކަމެއް ބަދަލުވެ އާ ސަރުކާރަކާ ގައުމު ހަވާލުވި އިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގައި. މިއީ ހަގީގަތް. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާމަންޒަރު ހަޖަމްނުވުން،" ސައީދު ވިދާޅުވިއެވެ.
މީގެކުރިން ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވި އިރު ގައުމު އޮތް އިގްތިސާދީ އުދަނގޫ ހާލަތުން އަރަގަނެވި ޑޮލަރު މިހާރު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި އެކަން އެހެންވީ އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި ކުރެވުނު ބުރަ މަސައްކަތުންނެވެ.